ޚަބަރު
ޤައިދީންނާ ގުޅޭ މަޢުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ މުޢައްސަސާއަށް އަންނަ ހެޔޮ ބަދަލެއް: ވަޒީރު އިޙްސާން
ވަޒީރު އިޙްސާނު/ފޮޓޯ: ވުޒާރާ
ޤައިދީންނާ ގުޅޭ މަޢުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ ކަރެކްޝަންގެ މަސައްކަތުގައި ޢަމަލީ ސިފަ ޖެހި، މުޢައްސަސާއަށް އަންނަ ހެޔޮ ބަދަލެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ކަރެކްޝަންގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެއް ވިއުގައެއްގެ ތެރެއިން ހުރިހާ ޖަލެއްގައިވާ ޤައިދީންނާއި ބަންދުމީހުންގެ ޕަރސަނަލް ފައިލްތަކާއި މެޑިކަލް ރެކޯރޑްތަކާއި މޫވްމަންޓްތަކާއި އެހެނިހެން މަޢުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ މުއައްސަސާގައި ޢަމަލީ ސިފަ ޖެހެމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.
ހަމަ އެއާއެކު، މައިއެމްސީއެސް ޕޯރޓަލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދާދިފަހުން ހުޅުވިގެންދިޔަ ކަރެކްޝަންސްގެ އައު ފްރަންޓް އޮފީހަކީ އެކި ތަންތަނުން ދެމުން އައި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދޭ މަގު ފަހިވެގެންދިޔަ ކަމެއް ކަމަށާއި، މައިއެމްސީއެސް ޕޯރޓަލްގެ ޒަރިއްޔާއިން، ރައްޔިތުން ޚިދުމަތް ހޯދަން އަންނަން ނުޖެހި ލުއި ފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދެވޭނެ މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ.

މިއީ މި މުއައްސަސާގެ ދިގު ބުރަ ތާރީޚުގައި ވިޝަން އެއް ރިއަލިޓީއަކަށް ހެދުމަށްޓަކައި އައު ޞަފްޙާތަކެއްގައި ލިޔެވިގެންދާ ދުވަހެއް. އަމާޒުތަކެއް ކަނޑައެޅި، އެ އަމާޒުތައް ވާސިލްކުރުމަށް މަގުތަކެއް ލިޔެވިގެންދާ ދުވަހެއް. މި މުއައްސަސާއިން ހޯދާނެ ކާމިޔާބީތައް ހޯދަމުންދާއިރު، އެ މެޝަރކުރެވޭނެ ގޮތްތަކެއް ލިޔެވިގެންދާ ދުވަހެއް.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ދުރު ވިސްނުމާއި ކާމިޔާބީތަކަށް ތަޢުރީފްކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، ޓީމެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މަގުދައްކާނެ ވެރިންނާއި އެ މަގުގައި ހިނގާނެ ފައުޖެއް އޮވެގެން ކަމަށެވެ. އެގޮތުން، ކަރެކްޝަންގެ އަދުގެ ފައުޖަކީ މިފަދަ ފައުޖެއް ކަމަށާއި އެކަމަށް ވަޒީރު ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ފައުޖެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވަނީ، އެމްސީއެސްގެ ކުރިއަށްއޮތް 3 އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކުރުމުން، އެމްސީއެސްގެ ލީޑަރޝިޕްއަށާއި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި މިއީ އެގޮތުން އެޅިގެންދިޔަ ފުރަތަމަ ފިޔަވަޅު ކަމަށާއި، ދެން އޮތީ އެ ޕްލޭނާ އެއްގޮތަށް މަސައްކަތައް 100 ޕަސަންޓްގައި ޑެލިވަރކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަން ކާމިޔާބުކުރާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.