Ads by Stelco

ޚަބަރު

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޤުރްއާން ކުލާސްތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެ

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޤުރްއާން ކުލާސްތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެ

ހުޅުމާލެ/ފޮޓޯ: ގާފު އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ފެބްރުއަރީ 2026، 01:38

07 ފެބްރުއަރީ 2026، 01:38

ކުޑަކުދިން ޤުރްއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް-އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. 

މިއީ، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ، ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހު ހުޅުވާލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ހުރިހާ ސްލޮޓްތައް ފުރާލާފައިވާ ކަމަށެވެ. އެގޮތުން، 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ބައިވެރިވުމުގެ ސަބަބުން މިހާރު އެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ބަންދުކޮށްފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވީ، 1 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ އެކި މިސްކިތްތަކުގައި، ހަފްތާއަކު 5 ދުވަހު، ކޮންމެ ދުވަހަކު 4 ޤުރްއާން ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކްލާސްތައް ކުރިއަށްގެންދާނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިން ވަކިންކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، އެ ކްލާސްތަކުގައި ޤުރްއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިންކުރުން ކުރިއަށްގެންދާނީ އަލް-އަސްރު ޖަމިއްޔާގެ ފަރާތުންނެވެ. 

އެޗްޑީސީން ވިދާޅުވީ، ދީނަށް ލޯބިކުރާ މުޖްތަމައުޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްއޮތްތަނުގައި ވެސް މުޖްތަމަޢުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450