ކުޅިވަރު
އެއްވެސް މެޗަކުން ބަލިނުވެ މާޒިޔާއިން ލީގު ކާމިޔާބުކޮށްފި
މާޒިޔާއިން ލީގުގެ އައްޑަނަ އުފުލާލުން / ފޮޓޯ: އެފްއޭއެމް
ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ޝަރަފުވެރި ޝީލްޑް އުފުލާލައިފިއެވެ.
ލީގުގެ ފަހު މެޗުގައި ހުކުރު ދުވަހުގެރޭ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާއިން ނިކުތްއިރު ވެސް އެ ޓީމަށް އޮތީ ލީގު ޔަޤީންވެފައެވެ. ނަމަވެސް މާޒިޔާއިން ވަނީ ރޭގެ މެޗު ވެސް ކާމިޔާބުކޮށްފައެވެ.
ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0އިންނެވެ. އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ހަމަ އެކަނި ގޯލު މާޒިޔާއިން ކާމިޔާބު ކުރީ 14 ވަނަ މިނިޓުގައި އަޙުމަދު އައިހަމް އޭރިއާ ތެރެއިން އެ ޓީމުގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީއަށް ޖައްސާލުމުން، ގޯލަށް ވައްދާލި ބޯޅައިންނެވެ. އެއީ ލީގުގައި މާޒިޔާއިން ކާމިޔާބުކުރި 15ވަނަ މެޗެވެ. ބާކީ ތިން މެޗުން އެ ޓީމުވީ އެއްވަރެވެ.
މި ނަތީޖާއަކު މާޒިޔައިން ވަނީ 48 ޕޮއިންޓު ހޯދާފައެވެ. ލީގުގެ ދެވަނައަށް ދިޔަ އޮޑިއަށް ލިބުނީ 39 ޕޮއިންޓެވެ. އަދި ތިން ވަނަ ހޯދި ނިއު ރޭޑިއަންޓަށް 37 ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި ނިންމި ބުރު އަށް 29 ޕޮއިންޓް އަދި ފަސް ވަނައިގައި ނިންމި އީގަލްސް އަށް 23 ޕޮއިންޓް ލިބުނެވެ.
މި ލަނޑަށް ފަހު އޮޑިގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް ބޯޅަ ނެތީސް ކުރި ކުށަކަށް ރެފްރީ ވަނީ ސީދާ ރަތްކާޑު ދައްކާ ދަނޑު ފޮނުވާލާފައެވެ. މެޗުގައި ބޮޑުބައެއް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އޮޑިން މާ އެދޭވޭ ހަމަލާއެއް ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ.
މާޒިޔާ އިން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ.