ދުނިޔެ
ނިޕާ ވައިރަސް ޖެހިގެން ބަންގްލަދޭޝްގެ އަންހެނަކު މަރުވެއްޖެ
ބަންގްލަދޭޝް އިން ނިޕާ ވައިރަސް ފެނުން/ފޮޓޯ: ރޮއިޓަރސް
ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން ބަންގްލަދޭޝްގެ އަންހެނަކު މަރުވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވިދާޅުވީ، މި ބަލި ބަންގުލަދޭޝްގައި ފެތުރުމުގެ ފުރުޞަތު ކުޑަކަމަށެވެ. އެ ޖަމިއްޔާއިން އިތުރަށް ވިދާޅުވީ، މި ބަލި ޖެހިގެން ބަންގްލަދޭޝްގައި މަރުވެފައިވަނީ އުމުރުން 40 އާއި 50 އަހަރާ ދެމެދުގެ އަންހެނެއް ކަމަށެވެ. އެގޮތުން، ނައުގާއޮން ޑިސްޓްރިކްޓަށް ނިސްބަތްވާ މި އަންހެން މީހާގެ ކިބައިން ހުމާއި ނާރުގެ ބަލިތަކުގެ އަލާމާތްތައް ފެންނަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުކަމަށާއި، އޭނާއަށް ނިޕާ ވައިރަސް ޖެހިފައިވާކަން ކަށަވަރުވީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުކަމަށް ޑަބްލިއުއެޗްއޯ އިން މަޢުލޫމާތުދެއެވެ.
ޑަބްލިއުއެޗްއޯއިން އިތުރަށް ވިދާޅުވީ، މި ބަލި ޖެހުނު އަންހެން މީހާއަކީ ފަހުގެ ތާރީޚެއްގައި އެ ޤައުމުން ބޭރަށް ދަތުރުފަތުރުކޮށްފައިވާ މީހެއް ނޫން ކަމަށެވެ. ނަމަވެސް، އޭނާއަށް ބަލި ޖެހުމުގެ ކުރިން ރޯ ކަދުރުން ތައްޔާރުކޮށްފައިވާ ބުއިމެއް ބޮއެފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ޑަބްލިއުއެޗްއޯ އިން ހާމަކުރެއެވެ. އަދި ބަންގްލަދޭޝްގައި ޢާންމުކޮށް މި ބަލި ފެތުރެނީ ވާލުގެ ޒަރީއާއިން ކަދުރު ތަޣައްޔަރުވެގެން ކަމަށް ޞިއްޙީ މާހިރުން ވަނީ ބުނެފައެވެ.
ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ބުނީ، ބަލިޖެހުނު މީހާއާ ގާތުން ބައްދަލުވި 35 މީހަކު ޓެސްޓުކޮށްފައިވާއިރު، އެއްވެސް މީހެއްގެ ހަށިގަނޑުން ވައިރަސް ފެނިފައި ނުވާކަމަށެވެ.