ޚަބަރު
އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 12000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފި
އެމްސީޖީއެޗް އޮޕްޓިކަލްސް. ފޮޓޯ: ޞިއްޙީ ވުޒާރާ
އައިޖީއެމްއެޗްގައި ޤާއިމުކުރި އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހާމަކޮށްފިއެވެ.
މި ޚިދުމަތަކީ އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ.
އައްޑޫގައި ޤާއިމްކުރި ކެތްލެބް އާއި އައިނު ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް ޖުމްލަ 12،988 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ ތެރެއިން 12،056 ފަރާތަކަށް ސަރުކާރުގެ ހަރަދުގައި އައިނު ހައްދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޚިދުމަތުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޙަލީމް ވިދާޅުވީ، މާލޭ އައިނު ފިހާރަ ހުޅުވި ފުރަތަމަ ދެމަސް ދުވަހު ދުވާލަކު އެވްރެޖްކޮށް 100 މީހުން ޚިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި މިހާރުވެސް ދުވާލަކު ގާތްގަނޑަކަށް 40 މީހުން ޚިދުމަތް ހޯދަމުންދާ ކަމަށެވެ. "މީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި ގުޅިފައިވާ ނުހަނު ބޭނުންވެފައިވާ ހިދުމަތެއްކަން މި ހިސާބުތަކުން ވަރަށް ސާފުކޮށް އެނގިގެން އެބަދޭ" ޙަލީމް ވިދާޅުވިއެވެ.
ރައްޔިތުންނަށް އައިނު ހެއްދުމުގައި ދިމާވާ މާލީ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ވަނީ ހުޅުވާފައެވެ. އަދި އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ ގޮތުން އައްޑޫގައި ފުރަތަމަ ފިހާރަ ހުޅުވާފައިވާއިރު، މި ހިނގާ މަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގައިވެސް އައިނު ފިހާރައެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އާސަންދަ ސްކީމުގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީތެރިކަންވެސް ވަނީ އިތުރުކޮށްފައެވެ. ކުރިން ކޮންމެ ދެއަހަރުން އެއްފަހަރު ދެމުންދިޔަ 1000 ރުފިޔާގެ އެހީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ވަނީ 2000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި އާސަންދައިގެ ދަށުން ޚިދުމަތްދޭ ބައެއް އަމިއްލަ ތަންތަނުންވެސް ނަންބަރު އައިނު ހެއްދުމަށް އާސަންދަ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.