Ads by Stelco

ޚަބަރު

އެމްއެންޑީއެފްއިން ކުރިއަށް ގެންދިޔަ "އުނދުން ނިވާލިންތޯ" ހަރަކާތް ނިންމާލައިފި

އެމްއެންޑީއެފްއިން ކުރިއަށް ގެންދިޔަ "އުނދުން ނިވާލިންތޯ" ހަރަކާތް ނިންމާލައިފި

މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ އުކުޅުތައް ދަސްކޮށްދިނުމުގެ ހަރަކާތްތަކުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 11:31

08 ފެބްރުއަރީ 2026، 11:31

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން "އުނދުން ނިވާލިންތޯ" ޝިޔާރުގެ ދަށުން ކުރިއަށްގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ.

މި މަހުގެ 1 އަކުން 7 އަކަށް މުޅި ރާއްޖެއަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް މާލެ ސަރަޙައްދުގައި ކުރިއަށް ގެންގޮސްފައިވަނީ އަމީނިއްޔާ ސްކޫލާއި، މުހިޔިއްދީން ސްކޫލް، ހުޅުމާލޭގެ ރެހެންދި ސްކޫލް އަދި ސަލާހުއްދީން ސްކޫލުގައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް މި ހަރަކާތް ވަނީ ފުޅާދާއިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތުގެ ތެރެއިން ބައިވެރިންނަށް ވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ފަޔަރ ބްލޭންކެޓް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތުގެ އަމަލީ ތަމްރީނުތައް ދީފައެވެ. އަދި ބަދިގެ ތެރޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ކަރަންޓުގެ ޒަރިއްޔާއިން ހިނގާ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައެވެ.

އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ އެންމެ ފަހު ސެޝަން ރޭ 20:00 އިން 22:00 އަށް ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލުގައި ބާއްވާފައިވާއިރު، މި ސެޝަންގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި ހޮވުނު ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ވަނީ ދީފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހަރަކާތް ނިމުނު ކަމުގައި ވިޔަސް، އަލިފާނުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުވުމުގެ އިތުރު ހަރަކާތްތައް މިއަހަރުގެ ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށްދާނެ ކަމަށެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފުން ބާއްވަމުން އަންނަ ސިލްސިލާ ހަރަކާތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450