ދުނިޔެ
ޣައްޒާގެ ހަނގުރާމަވެރި ޖަމާއަތްތައް ބޭނުންކޮށްގެން އިޒްރާއީލުގެ އިންޓެލިޖެންސުން ޣައްޒާގައި މީހުން ޝަހީދުކުރަމުންދާކަން ތަހުގީގަކުން ހާމަވެއްޖެ
ޣައްޒާގެ އެތެރޭގައި އިޒްރާއިލް ސިފައިން
ޣައްޒާގެ ހަނގުރާމަވެރި ޖަމާއަތްތައް ބޭނުންކޮށްގެން އިޒްރާއީލުގެ އިންޓެލިޖެންސުން ޣައްޒާގައި މީހުން ޝަހީދުކުރަމުންދާކަން ތަހުގީގަކުން ހާމަވެއްޖެއެވެ.
އަލްޖަޒީރާއިން އާންމުކުރި އެކްސްކްލޫސިވް ފުޓޭޖްތަކުން ހާމަވާގޮތުގައި، އިޒްރާއީލުގެ އިންޓެލިޖެންސްގެ ސީދާ ބެލުމުގެ ދަށުން، ޣައްޒާގެ ސަލާމަތީ އިސް އޮފިޝަލަކު އަވަހާރަކޮށްލުމުގައި އެ ސަރަހައްދުގެ ހަތިޔާރު އެޅި ގްރޫޕްތަކެއް ވަނީ ބޭނުންކޮށްފައެވެ. މި ތަހުގީގީ ރިޕޯޓުގައިވާ ގޮތުން، ޑިސެމްބަރު 14 ވިލޭރޭ އިޒްރާއީލުގެ އިންޓެލިޖެންސުން ވަނީ ޣައްޒާގެ ސަލާމަތީ އިސް ވެރިއަކު އަވަހާރަކޮށްލުމަށް ހަމަލާއެއް ދީފައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ އެ ސަރަހައްދުގެ ހަނގުރާމަވެރި ގްރޫޕަކަށް ނިސްބަތްވާ ބަޑިޖަހާ މީހުން ބޭނުންކޮށްގެން، އިޒްރާއީލުގެ އިންޓެލިޖެންސް އޮފިސަރުންގެ ވަގުތުން ވަގުތަށް ދެމުންދިޔަ އިރުޝާދުތަކާ އެކުގައެވެ. މި ހަމަލާގެ އަމާޒަކީ ޣައްޒާގެ މެދުތެރޭ ގަވަރުނަރޭޓްގެ އިންޓާނަލް ސެކިއުރިޓީ ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު، އަހުމަދު އަބްދުލް ބާރީ ޒަމްޒަމް (އަބޫ އަލް މަޖުދު) އެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ފަލަސްތީން އޮތޯރިޓީގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޝައުގީ އަބޫ ނުސައިރާ އިސްކޮށް ހުންނަ ހަނގުރާމަވެރި ގްރޫޕެއްގެ ދެ މީހެކެވެ. އަލްޖަޒީރާއަށް ލިބިފައިވާ ހެކިތަކާއި ވީޑިއޯތަކުން އެނގޭ ގޮތުގައި، މި މީހުން ހޮވައި ތަމްރީނު ދީފައިވަނީ އިޒްރާއީލުގެ އިންޓެލިޖެންސުންނެވެ. ތަހުގީގުން ހާމަވި ގޮތުގައި، އަބޫ އަލް މަޖުދަކީ އިޒްރާއީލުން އުފައްދާފައިވާ ހަތިޔާރު އެޅި ގްރޫޕްތައް ނައްތާލުމުގެ މަސައްކަތް ސީދާ ބަލަހައްޓަވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ވަނީ "ޔެލޯ ލައިން" ގެ އެތެރޭގައި ހަރަކާތްތެރިވާ މިފަދަ ބައެއް ގްރޫޕްތަކުގެ ތެރެއަށް ވަދެ، އޭގެ ގިނަ މެންބަރުންތަކެއް އަމާންދިނުމަށް އެއްބަސްކުރުވާފައެވެ.
މި ހަމަލާގެ ވީޑިއޯ ރެކޯޑިންގްތައް ލިބިފައިވަނީ ހަމަލާދިން މީހުންގެ ތެރެއިން އެކަކު ހަރުކޮށްގެން ހުރި ކެމެރާއަކުންނެވެ. އެ ފުޓޭޖްތަކުން ފެންނަ ގޮތުގައި، މި މީހުން ތަމްރީނު ހޯދާފައިވަނީ ޔެލޯ ލައިންއިން ބޭރުގައި، އިޒްރާއީލު ސިފައިންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައެވެ. އެއް ފޮޓޯއަކުން ފެންނަ ގޮތުގައި، ދެވަނަ މީހާ ހުރީ ޣައްޒާގެ މެދުތެރޭ އަލް މަޒްރާ ސަރަހައްދުގައި ހުންނަ އަލް އަޒްމީ ސްކޫލުގައި ގާއިމުކޮށްފައިވާ އެ ގްރޫޕްގެ މަރުކަޒުގައެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އެ ދެ މީހުންވެސް ޣައްޒާއަށް ވަދެފައިވަނީ އިޒްރާއީލު ސިފައިންގެ ކޮންޓްރޯލް އޮތް ސަރަހައްދުތަކުންކަން ކަށަވަރުކޮށްދޭ ހެއްކެކެވެ. ހައްޔަރުކޮށްފައިވާ މީހާ ބުނި ގޮތުގައި، ޑިސެމްބަރު 10 ވަނަ ދުވަހު އޭނާ އަބޫ އަދުހަމް ނުސައިރާއާ ބައްދަލުކުރިއެވެ. އަދި އޭނާއާއި އިތުރު މީހަކު މި މިޝަނަށް ހޮވީ އަބޫ އަދުހަމްއެވެ. އެއަށްފަހު އިޒްރާއީލު ސިފައިން އެމީހުން ކިސޫފިމް ބޯޑަރު ހުރަސްކޮށް ގެންގޮސް، "އަބޫ އުމަރު" ނަމަކަށް ކިޔާ އިޒްރާއީލުގެ އިންޓެލިޖެންސް އޮފިސަރަކާ ބައްދަލުކުރުވިއެވެ.
އިޒްރާއީލުގެ އަސްކަރީ މަރުކަޒެއްގެ ތެރޭގައި، އެ އޮފިސަރު ވަނީ ގްލޮކް ފިސްތޯލައާއި ސައިލެންސަރު ބޭނުންކުރާނެ ގޮތުގެ ތަމްރީނު އެމީހުންނަށް ދީފައެވެ. އަދި ހަމަލާދޭން ދާނެ މަގު އިޒްރާއީލުގެ ޑްރޯންތަކުން ބަލައި، އެމީހުންނަށް މަގު ދައްކައިދީފައިވެއެވެ.
ހަމަލާ ދެމުންދިޔަ ވަގުތު، އިޒްރާއީލުގެ އިންޓެލިޖެންސް އޮފިސަރު ދިޔައީ އެމީހުންގެ ހެދުމުގައި ހަރުކޮށްފައިވާ ކެމެރާއިން ލައިވްކޮށް މަންޒަރުތައް ބަލަމުންނެވެ. ތަހުގީގުން އެނގުނު ގޮތުގައި، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މި އޮޕަރޭޝަން ނާކާމިޔާބުވާން ކައިރިވިއެވެ. ނަމަވެސް އެ މައްސަލައާ އެކުވެސް ހަމަލާ ކުރިއަށް ގެންގޮސް، މީހާ އަވަހާރަކޮށްލިއެވެ. އެމީހުން ފިލަން އުޅުމުގެ ތެރޭގައި އިޒްރާއީލު އޮފިސަރާ އޮތް މުވާސަލާތީ ގުޅުން ކެނޑުނެވެ. ގުޅުން ކެނޑުނު ފަހުން، މުގާވަމާ (ރެސިސްޓަންސް) އިން ވަނީ ކެމެރާ ހިފައިގެން ހުރި މީހާ ހައްޔަރުކޮށްފައެވެ. އޭނާއަކީ މި ގްރޫޕާ ގުޅުނުތާ އެންމެ މަހެއްވީ މީހެކެވެ.
ދެވަނަ މީހާ ވަނީ އިޒްރާއީލު ސިފައިންގެ ކޮންޓްރޯލް އޮތް ސަރަހައްދަށް ފިލައިގެން ގޮސްފައެވެ. ހައްޔަރުކުރި މީހާ ވަނީ އޭނާއަކީ އެ ހަނގުރާމަވެރި ގްރޫޕްގެ މެންބަރެއް ކަމަށް އިއުތިރާފުވެފައެވެ. އޭނާ ބުނި ގޮތުގައި އެ ގްރޫޕުގައި ހަތިޔާރު އެޅި ގާތްގަނޑަކަށް 50 މެންބަރުން ހިމެނެއެވެ. އަދި އެ ގްރޫޕުން މަސައްކަތް ކުރަނީ މުގާވަމާގެ ބިންގަރާސްތައް ހޯދުމަށާއި، މީހުން ޝަހީދުކުރުމުގެ އޮޕަރޭޝަންތައް ހިންގުމަށާއި، ފަލަސްތީނު މީހުން އިޒްރާއީލުގެ ދާޚިލީ ސަލާމަތީ ޚިދުމަތް ކަމަށްވާ ޝިން ބެޓާ ހަވާލުކުރުމަށެވެ.
މީގެ އިތުރުން، އެ މިލިޝިޔާއިން އެހީ ހިފައިގެންދާ ލޮރީތަކަށް ހަމަލާދީ ފޭރޭ ކަމަށާއި، އަމާޒުކުރެވޭ ވަކިވަކި ފަރުދުން މަޅީގައި ޖައްސާ ކަމަށާއި، އަދި ޝަހީދުކޮށްލާފައިވާ ފަލަސްތީނު މީހުންގެ ހަށިތައް ވަގަށް ނަގައި އެ ހަށިތަކަށް އިހާނެތިކޮށް ހިތާ ކަމަށްވެސް އޭނާ އިއުތިރާފުވިއެވެ. ތަހުގީގުން އެނގޭ ގޮތުގައި، މި އޮޕަރޭޝަންތައް ކުރިއަށްދާއިރު އިޒްރާއީލުގެ ސިފައިންނާއި ޑްރޯންތަކުން އެމީހުންނަށް ހިމާޔަތް ފޯރުކޮށްދެއެވެ.
ޣައްޒާގެ އެތެރޭގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގްރޫޕުތަކަށް ފައިސާ އާއި ހަތިޔާރު ދިނުމުގައި އިޒްރާއީލުގެ ބައިވެރިވުން އޮތްކަން އިޒްރާއީލާއި ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މަސައްކަތްތަކުގެ ބޭނުމަކީ، އަސްކަރީ ގޮތުން ކާމިޔާބީއެއް ހޯދުމަށް އިސްރާއީލު ނުކުޅެދުމުން، މުގާވަމާގެ ބަދަލުގައި ބޭނުންކުރާނެ ފަރާތްތަކެއް އުފައްދައި ވަކި ސަރަހައްދުތަކެއްގެ ކޮންޓްރޯލް ހޯދުމެވެ. ހާއާރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރާއީލު ސިފައިންނާއި ޝިން ބެޓުން ޣައްޒާގެ ހަތިޔާރު އެޅި ގްރޫޕުތަކާ ސީދާ ގޮތުން ގުޅުން ބާއްވައި، ފައިސާ އާއި ހަތިޔާރުގެ އިތުރުން ޖާސޫސީ މައުލޫމާތު ފޯރުކޮށްދެއެވެ.
އިޒްރާއީލުގެ އަސްކަރީ އެނަލިސްޓް ރޮނެން ބާގްމަން މި މަޝްރޫއު ސިފަކުރެއްވީ "މައްސަލަތަކުން ފުރިގެންވާ" ކަމެއްގެ ގޮތުގައެވެ. އަދި މިކަމުގައި ބެލެހެއްޓުންތެރިކަން ކުޑަވުމުގެ ސަބަބުން، މުސްތަގުބަލުގައި މި ގްރޫޕުތަކަކީ އިޒްރާއީލަށް އޮތް ނުރައްކަލަކަށް ވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ވެސް ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރާއީލުން ވަނީ މި މިލިޝިޔާތަކަށް ދިހަވަރަކަށް މިލިއަން ޝެކެލް ޚަރަދުކޮށްފައެވެ. ޔެދިއޮތް އަހްރޮނޮތް ހިމެނޭ ގޮތަށް އިޒްރާއީލުގެ ނޫސްތަކުން މި ރިޕޯޓާ ހަވާލާދީ ބުނެފައިވަނީ، އިޒްރާއީލުން އެ ގްރޫޕުތަކަށް ހަތިޔާރާއި، އަސްކަރީ ސާމާނާއި، އިޒްރާއީލުގެ ހޮސްޕިޓަލްތަކުން ފަރުވާ ދިނުމުގެ އިތުރުން، އެމީހުންނަށް ހަމަލާއެއް އަންނަ ވަގުތުތަކުގައި އަސްކަރީ ހިމާޔަތް ފޯރުކޮށްދޭ ކަމަށެވެ. މި ރިޕޯޓުގައިވާ ގޮތުން، އިޒްރާއީލުން ޣައްޒާގެ ދެކުނުގައި، ޚާއްސަކޮށް ރަފަހްގައި އިސްކަންދިނީ ކުށްވެރިންގެ ބެކްގްރައުންޑް އޮތް މީހުން ރެކްރޫޓް ކުރުމަށެވެ.
އެހެން ސަރަހައްދުތަކުގައި އިޒްރާއީލުގެ އިންޓެލިޖެންސުން މަސައްކަތް ކުރީ ބޮޑެތި ގަބީލާތަކާ ގުޅިގެން، ސަރަހައްދީ ސަލާމަތީ ކަންކަން ބަލަހައްޓާނެ ބަދަލު ފަރާތްތަކެއް އުފެއްދުމަށެވެ.