ކުޅިވަރު
ލީގު ފަހު މެޗަށް ގްރީން ސްޓްރީޓްސް ހާޒިރު ނުވި މައްސަލައިގައި އެ ޓީމަށް ފިޔަވަޅު އަޅައިފި
ކްލަބް ގްރިން ސްޓްރީޓްސް---
ދިރާގު ދިވެހި ލީގުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކްލަބް ގްރީން ސްޓްރީޓްސް ކުޅެން އޮތް މެޗަށް ގްރީން ސްޓްރީޓްސް ހާޒިރު ނުވި މައްސަލައިގައި އެ ޓީމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ފިޔަވަޅު އަޅައިފިއެވެ.
އެފްއޭއެމްއިން މިއަދު މީޑިއާތަކަށް ދިން މަޢުލޫމާތުގައި ބުނީ، 5 ފެބުރުވަރީ 2026 ވަނަ ދުވަހު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރަން އޮތް މެޗަށް ކްލަބް ގްރީން ސްޓްރީޓްސް ހާޒިރު ނުވި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއިން ބެލުމަށްފަހު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށެވެ.
އެގޮތުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއިން ގްރީން ސްޓްރީޓްސްއަށް އެޅި އެއް ފިޔަވަޅަކީ، އެ ޓީމު 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމުމެވެ. އެފްއޭއެމްއިން ވަނީ މި ފައިސާ 15 ދުވަހުގެ ތެރޭގައި އެފްއޭއެމްއަށް ދެއްކުމަށް ގްރީން ސްޓްރީޓްސްއަށް އަންގައިފައެވެ.
އޭގެއިތުރުން އެންމެ އަވަހަށް އަންނަ ޓްރާންފާ ވިންޑޯގައި ގްރީން ސްޓްރީޓްސްއަށް ކުޅުންތެރިން ގަތުމާއި ވިއްކުން އަދި އެއްވެސް ޓްރާންސްފާއެއް ކުރިޔަށް ގެންދިއުން ހުއްޓުވުމާއި އަދި މިފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، ގްރީން ސްޓްރީޓްސްއަށް އިތުރު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ މި މައްސަލައާ ގުޅިގެން ނިންމާފައެވެ.
މި ނިންމުމާ ގުޅިގެން ކްލަބް ގްރީން ސްޓްރީޓްސްއިން ޝަކުވާއެއް އޮތްނަމަ 7 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ހުށެހެޅޭނެކަމަށް ވެސް އެފްއޭއެމްއިން ހާމަކުރެއެވެ.
ގްރީން ސްތްރީޓްސްއިން ފަހު މެޗަށް ހާޒިރުނުވިއިރު، ވެލެންސިއާ އޮތީ ކުޅުނު ފަހު މެޗުގައި ކްލަބް އީގަލްސް 2-0އިން ބަލިކޮށް، 12 ޕޮއިންޓާއެކު ލީގުގެ ނުވަވަނައިގައެވެ. އަދި ގްރީން ސްޓްރީޓްސްއަށް ވެސް 12 ޕޮއިންޓު ލިބިފައި އޮތްއިރު، އެ ޓީމު ލީގުގެ އަށްވަނައިގައި އޮތީ 4 ގޯލުގެ ތަފާތުންނެވެ.
އެހެންކަމުން ގްރީން ސްޓްރީޓްސްއިން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހާޒިރުނުވުމުން، ލީގުގެ ޤަވާއިދުގައިވާ ގޮތުން، އެ މެޗު 2-0އިން ނިއު ރޭޑިއަންޓަށް ލިބުނެވެ. އަދި މި ނަތީޖާއާއެކު ރެލިގޭޓުވީ ވެލެންސިއާއެވެ.
މިކަމާ ގުޅިގެން ވެލެންސިއާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ މެޗަށް ހާޒިރުނުވުމުން މެޗު ގެއްލޭނީ 2 ގޯލުން ކަމަށް ދިވެހި ޕްރިމިއަރ ލީގުގެ ޤަވާއިދުގައި ބުނެފައި ވާތީ ގްރީން ސްޓްރީޓްސްއިން ނެގި އެޑްވާންޓޭޖެއްކަމަށެވެ. އެހެންކަމުން މެޗުގެ ނަތީޖާ އަމިއްލައަށް ކަނޑައެޅުމަކީ "މެޗް ފިކްސިން" ކަމަށް ބެލެވޭކަމަށާއި، މިއީ ފުޓުބޯޅައިގައި ބޮޑު އަދަބުތައް ކަނޑައަޅާ ކުށެއް ކަމަށެވެ.
ކުޅިވަރު
08/02/2026 15:48
ވަރައްގަޅު ނިންނުމެއް