ދުނިޔެ

އިސްލާމްއާބާދުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއާއެކު ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތަކުގެ ކަންބޮޑުވުން އިތުރުވެއްޖެ

އިސްލާމްއާބާދުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއާއެކު ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތަކުގެ ކަންބޮޑުވުން އިތުރުވެއްޖެ

ޕާކިސްތާނުގައި ބޮމުގެ ހަމަލާ ދިން ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 02:43

08 ފެބްރުއަރީ 2026، 02:43

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޝީޢީ މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާގައި މަރުވި 30 އަށްވުރެ ގިނަ މީހުންގެ ޖަނާޒާ ހޮނިހިރު ދުވަހު ބާއްވައިފިއެވެ.

މި ހަމަލާއަކީ ގައުމުގެ މަޒްހަބީ ނުތަނަވަސްކަން އިތުރުކުރުމަށް ދީފައިވާ ހަމަލާއެއް ކަމަށް މުހައްލިލުން އިންޒާރު ދެމުންދާއިރު، މި ހަމަލާއާއެކު ބޯޑަރު ހުރަސްކޮށް ދެވޭ ޓެރަރިސްޓް ހަމަލާތަކުގެ މައްސަލަ ވަނީ އަލުން ފެންމަތިވެފައެވެ.

ހުކުރު ނަމާދު ވަގުތު އިސްލާމްއާބާދުގެ ތަރްލައި ކަލާން ސަރަހައްދުގައި ހުންނަ ޚަދީޖާ ތުލް ކުބްރާ މިސްކިތަށް ދިން މި ހަމަލާގެ ޒިންމާ އައިއެސް (ISIL) ގެ ގޯފަކުން ވަނީ އުފުލާފައެވެ. އިސްލާމްއާބާދު އެޑްމިނިސްޓްރޭޝަނުން ހާމަކުރި ގޮތުގައި، ހަމަލާއަށްފަހު 169 މީހަކު ވަނީ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާ ދީފައެވެ. ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވީ، ހަމަލާދިން މީހާ މިސްކިތަށް ވަންނަން އުޅުމުން ސެކިއުރިޓީ ގާޑުން އޭނާ ހުއްޓުވަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އޭނާ ބަޑިޖަހައި ބޮން ގޮއްވާލީ ކަމަށެވެ.

މިނިސްޓަރު އާސިފް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ހަމަލާދިން މީހާއަކީ އަފްޣާނިސްތާނަށް ދަތުރުފަތުރު ކުރަމުންދިޔަ މީހެކެވެ. ސެކިއުރިޓީ އޮފިޝަލުން ހާމަކުރި ގޮތުގައި މި ހަމަލާއާ ގުޅިގެން ޕެޝާވަރާއި ކަރާޗީން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިން މީހާގެ އާއިލާގެ ބައެއް މެންބަރުންވެސް ހިމެނެއެވެ.

ޕާކިސްތާނުގައި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ހަނގުރާމަވެރި ގްރޫޕްތަކުގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޕާކް އިންސްޓިޓިއުޓް ފޯ ޕީސް ސްޓަޑީޒްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު އެކަނިވެސް ޕާކިސްތާނުގައި 699 ހަމަލާ ދީފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 34 އިންސައްތަ އިތުރު އަދަދެކެވެ.

ޕާކިސްތާނުން ތަކުރާރުކޮށް ތުހުމަތު ކުރަމުންދަނީ އަފްޣާން ތާލިބާނުން ހަނގުރާމަވެރި ގްރޫޕްތަކަށް ހިމާޔަތް ދެމުންދާ ކަމަށެވެ. ނަމަވެސް އަފްޣާން ތާލިބާނުން ވަނީ ހުކުރު ދުވަހުގެ ހަމަލާ ކުށްވެރިކޮށް، ޕާކިސްތާނާ އިދިކޮޅު ހަނގުރާމަވެރިންނަށް ހިމާޔަތްދޭ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. މި މައްސަލައިގައި މިދިޔަ އޮކްޓޯބަރު މަހު ދެ ގައުމުގެ ބޯޑަރުގައި ހިނގި ކުރިމަތިލުންތަކުގައި ގިނަ ބަޔަކު މަރުވެފައިވެއެވެ.

އދ. ގެ ރިޕޯޓެއްގައިވާ ގޮތުން އަފްޣާން ތާލިބާނުން ގެންދަނީ ޕާކިސްތާން ތާލިބާން (TTP) އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހަމަލާއާއެކު އިސްލާމްއާބާދުގެ ސަލާމަތީ ކަންކަމާމެދު ވަނީ ބޮޑު ސުވާލެއް އުފެދިފައެވެ. "މިއީ 2019 ވަނަ އަހަރު އައިއެސްގެ ޕާކިސްތާން ގޯފު އުފެދުނު ފަހުން އެ ގްރޫޕުން ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ބެލެވޭ" ކަމަށް މުހައްލިލު އަބްދުލް ސައްޔިދު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450