ދުނިޔެ
އިޒްރާއީލުގެ އަސްކަރީ އާލާތްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ނެދަލެންޑްސްގެ ޕާލަމެންޓުން ފާސްކޮށްފި
ނެދަލޭންޑްސްގެ ޕާލިމެންޓް
އިޒްރާއީލުގެ އަސްކަރީ އަދި ސަލާމަތީ އުފެއްދުންތަކަށް ނެދަލެންޑްސްއިން ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަޝްރޫއެއް އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ މި މަހުގެ ފަހުކޮޅު އެ ގައުމުގެ އާ ސަރުކާރު ހުވާކުރުމުގެ ކުރިން، ކޯލިޝަންގައި ހިމެނޭ ތިން ޕާޓީގެ ތެރެއިން ދެ ޕާޓީއެއްގެ ތާއީދާއެކުގައެވެ.
ނެދަލެންޑްސްގެ ޕާލަމެންޓުން ހާމަކުރި ގޮތުގައި، "ހަނގުރާމައިގެ ކުށްތަކުގައި ބައިވެރިވާ ސިނާއަތްތަކަށް ނެދަލެންޑްސްއިން ބަރޯސާވުމަކީ އެދެވިގެންވާ ކަމެއް ނޫން" ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ނެދަލެންޑްސްއިން ވަނީ އިޒްރާއީލުގެ އަސްކަރީ އާލާތްތައް ގަތުމަށް ގާތްގަނޑަކަށް ދެ ބިލިއަން ޔޫރޯ ހޭދަކޮށްފައެވެ.
އިޒްރާއީލުގެ ހާރެޓްޒް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނެދަލެންޑްސްގެ އޮފިޝަލަކު ވިދާޅުވީ އިޒްރާއީލުން ތަކެތި އެތެރެކުރާ މިންވަރު މަދުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ރިޕޯޓް ސަރުކާރުން ޕާލަމެންޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ވަގުތުން ފެންނަ ނަތީޖާ މަދުވި ނަމަވެސް، ދިގު މުއްދަތުގައި މީގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މި ނިންމުމުގެ މަގްސަދަކީ ސަލާމަތީ އަދި ދިފާއީ ދާއިރާގައި ނެދަލެންޑްސްގެ "ސްޓްރެޓީޖިކް އޮޓޮނޮމީ" ނުވަތަ އަމިއްލަ ބާރުވެރިކަން ވަރުގަދަކުރުމެވެ. މީގެ އިތުރުން، އެމެރިކާގެ ސަލާމަތީ އުފެއްދުންތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމާ މެދު ވެސް މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ. މިއީ އެ ގައުމުގެ ދިފާއީ ސާމާނު ހޯދާ މަގުތައް މުރާޖައާ ކުރުމުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.
މި ފިޔަވަޅަކީ ނެދަލެންޑްސްގެ އަސްކަރީ މުއާމަލާތްތަކުގެ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. މީގެ ސަބަބުން ހަތިޔާރު ހޯދާ މަސްދަރުތައް އިތުރަށް ބަލައި ފާސްކުރުމާއި، ބައިނަލްއަގުވާމީ ދިފާއީ ވިޔަފާރީގައި އަހްލާގީ މިންގަނޑުތަކަށް އިސްކަންދޭނެކަން ހާމަވެގެންދެއެވެ.