ދުނިޔެ
މި އަހަރު ފެށުނު ފަހުން ޣައްޒާގައި ފަލަސްތީނުގެ 37 ކުޑަކުދިން ޝަހީދުކޮށްލައިފި: ޔުނިސެފް
އިޒްރާއިލްގެ ހަމަލާއެއްގައި ޝަހީދުވި ކުޑަކުއްޖެއް
މި އަހަރު ފެށުނު ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކުން މަދުވެގެން 37 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ރިޕޯޓްކޮށްފިއެވެ،
އެއިދާރާއިން ހޮނިހިރު ދުވަހު އިންޒާރު ދީފައިވާ ގޮތުގައި، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އެ ސަރަހައްދުގެ ހާލަތު އޮތީ ކުޑަކުދިންނަށް ނުރައްކާތެރި އަދި ނާޒުކު ފައްތަރެއްގައެވެ.
ޔުނިސެފުން ބުނި ގޮތުގައި ޣައްޒާގެ ކުޑަކުދިންނަށް ވައިގެ ހަމަލާތަކުގެ ނުރައްކާ ކުރިމަތިވަމުންދާއިރު، ޞިއްޙީ ނިޒާމާއި، ފެނުގެ ނިޒާމު އަދި ތަޢުލީމީ ނިޒާމު ވަނީ މުޅިން އިނދަޖެހިފައެވެ.
ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވީ، އޮކްޓޯބަރު މަހުގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލީ ގޮތުން ހިނގަން ފެށި ފަހުން ވެސް 100 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށެވެ.
ޝަހީދުވި ކުދިންގެ ތެރޭގައި 60 ފިރިހެން ކުދިންނާއި 40 އަންހެން ކުދިން ހިމެނޭއިރު، އިޒްރާއީލު ސިފައިން މި ކުދިން މަރާލާފައިވަނީ ވައިގެ ހަމަލާތަކާއި، ޑްރޯން ހަމަލާތަކާއި، ޓޭންކުތަކުން ދިން ހަމަލާތަކުގެ އިތުރުން ބަޑީގެ ވަޒަން ބޭނުންކޮށްގެންނެވެ. އެލްޑަރ އިންޒާރު ދެއްވި ގޮތުގައި ކުޑަކުދިން މަރުވާ އަދަދު ރިޕޯޓްކުރާ މިންވަރަށް ވުރެ މާ މަތިވުން އެކަށީގެންވެއެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގައި އެ ސަރަހައްދުގެ 90 އިންސައްތަ ސްކޫލްތަކަށް ވަނީ ގެއްލުން ލިބި ނުވަތަ ސުންނާފަތިވެފައެވެ. މީގެ ސަބަބުން ސްކޫލް އުމުރުގެ 700,000 އަށްވުރެ ގިނަ ކުދިންނަށް ރަސްމީ ތައުލީމު އުނގެނުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. މިއީ މުޅި ޖީލެއް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށް ޔުނިސެފުން ބުނެއެވެ.
މި ހާލަތާ ގުޅިގެން ޔުނިސެފުން ވަނީ ޣައްޒާގެ ކުޑަކުދިން އަލުން ތައުލީމީ މާހައުލަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ފަށާފައެވެ. މިހާރުވެސް 110 އަށްވުރެ ގިނަ ލާނިން ސެންޓަރުތަކުގައި 135,000 އަށްވުރެ ގިނަ ކުދިންނަށް ތައުލީމީ ޕްރޮގްރާމްތައް ހިންގަމުންދާއިރު، ގިނަ ސެންޓަރުތައް ހިންގަނީ ފޭލިގެތަކުގައެވެ. ޔުނިސެފްގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 336,000 ކުދިންނަށް ތައުލީމީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޔުނިސެފުން ބުނި ގޮތުގައި 2027 ވަނަ އަހަރާ ހަމައަށް ހުރިހާ ކުދިންނަށް ސްކޫލަށް ހާޒިރުވެގެން އުނގެނުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާނެއެވެ. ނަމަވެސް، ދާއިމީ ސުލްހައެއް ގާއިމުނުކޮށް ހަމައެކަނި ތައުލީމުން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އެހެންކަމުން، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޔުނިސެފުން ވަނީ ގޮވާލާފައެވެ.