ދުނިޔެ

އިޒްރާއީލުން ފޮނުވި ހަށިތަކުގެ ގުނަވަންތައް ނަގައި، ބައެއް ހަށިތައް ހުރީ ފަހާފައި: އަލް ޝިފާ ހޮސްޕިޓަލް

އިޒްރާއީލުން ފޮނުވި ހަށިތަކުގެ ގުނަވަންތައް ނަގައި، ބައެއް ހަށިތައް ހުރީ ފަހާފައި: އަލް ޝިފާ ހޮސްޕިޓަލް

އިޒްރާއިލުން ހަވާލުކުރި ހަށިތަކެއްގެ އެކްޒަމިނޭޝަން ކުރިއަށް ގެންދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 04:08

08 ފެބްރުއަރީ 2026، 04:08

އިޒްރާއީލުގެ ސިފައިން އެ ހޮސްޕިޓަލާ ހަވާލުކުރި ފަލަސްތީނު މީހުންގެ ހަށިތަކާއި ކަށިތައް ހުރީ އިންސާނިއްޔަތާ ޚިލާފު، ބިރުވެރި ހާލަތެއްގައި ކަމަށް ޣައްޒާގެ އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޑައިރެކްޓަރު ޑރ. މުޙައްމަދު އަބޫ ސަލްމިއްޔާ ހާމަކުރައްވައިފިއެވެ.

 އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) މެދުވެރިކޮށް ހަވާލުކުރި މި ތަކެތީގެ ތެރޭގައި 54 މީހެއްގެ ހަށިގަނޑާއި، އިންސާނުންގެ ހަށިގަނޑުގެ ބައިތައް އެޅި 66 ފޮށި ހިމެނެއެވެ.

ޑރ. އަބޫ ސަލްމިއްޔާ ވިދާޅުވީ، އިޒްރާއީލުން ފޮނުވި ބައެއް ފޮށިތަކުގައި ހުރީ ހަމައެކަނި ބޯކަށިގަނޑު ކަމަށާއި، އެއީ ކާކުކަން އެނގޭނެ އެއްވެސް މައުލޫމާތެއް ދީފައިނުވާ ކަމަށެވެ. މީގެ އިތުރުން، ބައެއް ހަށިތަކުގެ ގުނަވަންތައް ވަކިކޮށް، ކަށިތައް އެކަނި ހުރި އިރު، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "މިއީ ބޭސްވެރިކަމުގެ ގޮތުން ނުވަތަ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރުވެސް މުއާމަލާތް ކުރެވޭނެ ފަދަ ހަށިތަކެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ހޮސްޕިޓަލުގެ ޑައިރެކްޓަރު ވަނީ ބައެއް ހަށިތަކުގެ ގުނަވަންތައް ނަގާފައިވާ ކަމަށް ބެލެވޭ ނިޝާންތައް ފެންނަން ހުރި ކަމަށް ވިދާޅުވެފައެވެ. "އަހަރެމެންނަށް ފެނުނީ ބައެއް ހަށިތަކުގައި އޮޕަރޭޝަން ކުރަން ބޭނުންކުރާ ކަހަލަ އޫތަކުން ފަހާފައި ހުރި ތަން. ބައެއް މީހުންގެ އަތްތައް ބުރިކޮށްފައި ހުރި އިރު، އަނެއްބައި މީހުންގެ ބަނޑު ފަޅާލުމަށްފަހު އަލުން ފަހާފައި ހުރި،" ޑރ. އަބޫ ސަލްމިއްޔާ ވިދާޅުވިއެވެ.

 އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އިޒްރާއީލުން މި މީހުންނަކީ ކޮބައިކަން އެނގުނު ނަމަވެސް، ގަސްތުގައި އެ މައުލޫމާތު ވަނީ ސިއްރުކޮށްފައެވެ.

ޣައްޒާގެ ޞިއްޙީ ދާއިރާއަށް މި ހަށިތައް ދެނެގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އިސްރާއީލުގެ ބަންދުގެ ސަބަބުން ޑީ.އެން.އޭ ޓެސްޓު ކުރެވޭނެ ވަސީލަތްތަކާއި، ޒަމާނީ ފޮރެންސިކް ލެބްތަކާއި، ހަށިތައް ފިނިކޮށްފައި ބެހެއްޓޭނެ ނިޒާމެއް ޣައްޒާގައި ނެތެވެ. މިހާރު މެޑިކަލް ޓީމުތަކުން މަސައްކަތް ކުރަމުންދަނީ ފޮޓޯއާއި، ހަށިގަނޑުގައި ހުރި ނިޝާންތަކާއި، އަންނައުނު ބޭނުންކޮށްގެން މީހުން ދެނެގަތުމަށެވެ.

ހަނގުރާމަ މެދުކަނޑާލި ފަހުން މިހާތަނަށް އިޒްރާއީލުން ވަނީ 360 މީހެއްގެ ހަށިގަނޑު ފަލަސްތީނާ ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ދެނެގަނެވިފައިވަނީ އެންމެ 100 އެއްހާ މީހުންނެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި، އަދިވެސް 10,000 އަށްވުރެ ގިނަ މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އިރު، 4,000 އާއި 5,000 އާ ދެމެދުގެ އަދަދަކަށް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

މި ހަށިތަކާ މެދު އަމަލުކުރަމުންދާ ގޮތަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ސިފަކުރައްވަމުން ޑރ. އަބޫ ސަލްމިއްޔާ ވިދާޅުވީ، މިއީ މަރުވުމަށްފަހުވެސް އިންސާނާގެ ކަރާމާތަށް އަރައިގަތުން ކަމަށެވެ. ޞިއްޙީ ވުޒާރާއިން މިހާރު ދަނީ މި ހަށިތައް ލިޔެކިޔުންތަކުން ރެކޯޑުކޮށް، އާއިލާތަކާ ހަވާލުކުރުމުގެ އުނދަގޫ މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450