ދުނިޔެ

ސީރިއާ އާއި ސައުދީ އަރަބިއްޔާއިން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ސީރިއާ އާއި ސައުދީ އަރަބިއްޔާއިން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ސީރިއާ އާއި ސައުދީ އަރަބިއްޔާއިން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުންތަކެއްގައި ސޮއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 04:41

08 ފެބްރުއަރީ 2026، 04:41

ސީރިއާގައި 14 އަހަރު ވަންދެން ކުރި ދާޚިލީ ހަނގުރާމައަށްފަހު އެގައުމު އަލުން އާރާސްތުކުރުމަށްޓަކައި، ސައުދީ އަރަބިއްޔާއާއެކު އޭވިއޭޝަން، ހަކަތަ، ރިއަލް އެސްޓޭޓް އަދި ޓެލެކޮމިއުނިކޭޝަން ދާއިރާއިން ބޮޑެތި އިންވެސްޓްމަންޓް އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

 މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، އެމެރިކާއިން ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ފަހުން އެގައުމަށް ލިބުނު އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

ސީރިއަން އިންވެސްޓްމަންޓް އޮތޯރިޓީގެ ވެރިޔާ ތަލާލް އަލް ހިލާލީ ހޮނިހިރު ދުވަހު އިއުލާން ކުރެއްވި ގޮތުގައި، މި އެއްބަސްވުންތަކުގެ ތެރޭގައި ހަލަބް (އަލެއްޕޯ) ގައި އައު ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރުމާއި، ސީރިއާ-ސައުދީ ގުޅިގެން އަގުހެޔޮ އެއާލައިނެއް އުފެއްދުމުގެ އިތުރުން "ސިލްކްލިންކް" ގެ ނަމުގައި ޓެލެކޮމިއުނިކޭޝަން މަޝްރޫއެއް ހިމެނެއެވެ. މި މަޝްރޫއުގެ މަގްސަދަކީ ސީރިއާއަކީ ސަރަހައްދީ މުވާސަލާތީ މަރުކަޒަކަށް ހެދުމެވެ.

ސައުދީ އިންވެސްޓްމަންޓް މިނިސްޓަރު ޚާލިދު އަލް ފާލިހު ވިދާޅުވީ، އަލަށް އުފެއްދި "އީލާފް ފަންޑު" މެދުވެރިކޮށް ހަލަބްގެ ދެ އެއާޕޯޓެއް ތަރައްގީކުރުމަށް 2 ބިލިއަން ޑޮލަރު (7.5 ބިލިއަން ސައުދީ ރިޔާލް) ހޭދަކުރާނެ ކަމަށެވެ. މީގެ އިތުރުން ސީރިއާގެ މުވާސަލާތީ ވަޒީރު އަބްދުއްސަލާމް ހައިކަލް ވިދާޅުވި ގޮތުގައި، އޭޝިއާ އާއި ޔޫރަޕް ގުޅުވައިދިނުމަށް އެތައް ހާސް ކިލޯމީޓަރެއްގެ ކޭބަލް އެޅުމަށް 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޓެލެކޮމް ދާއިރާއަށް ލިބިގެންދާނެއެވެ.

އޭވިއޭޝަން ދާއިރާއަށް ބަލާއިރު، ސައުދީގެ ފްލައިނާސް އާއި ސީރިއާގެ ސިވިލް އޭވިއޭޝަން ގުޅިގެން "ފްލައިނާސް ސީރިއާ" ގެ ނަމުގައި އައު އެއާލައިނެއް އުފެއްދުމަށް ވަނީ އެއްބަސްވެފައެވެ. މި އެއާލައިންގެ 51 އިންސައްތަ ހިއްސާ އޮންނާނީ ސީރިއާގެ އަތުގައެވެ. އަދި ހަކަތައިގެ ދާއިރާއިން ސައުދީގެ އޭސީޑަބްލިއުއޭ (ACWA) ޕަވާ އާއެކު ފެނާއި ކަރަންޓުގެ މަޝްރޫއުތަކެއް ހިންގުމަށްވެސް ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކާ ގުޅޭގޮތުން ސީރިއާއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު ޓޮމް ބަރަކް ވިދާޅުވީ، މިއީ ސީރިއާ އަލުން އާރާސްތުކުރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ނަމަވެސް ބައެއް މުހައްލިލުން ފާހަގަކުރާ ގޮތުގައި، މިއީ އިގްތިސާދީ ގޮތުން ވަގުތުން ބޮޑު ބަދަލެއް އަންނާނެ ކަމަކަށްވުރެ ބޮޑަށް، ސިޔާސީ ގޮތުން ދެގައުމުގެ ގުޅުން ވަރުގަދަވަމުންދާކަމުގެ ނިޝާނެކެވެ.

ސީރިއާގެ އިންވެސްޓްމަންޓް އޮތޯރިޓީގެ ވެރިޔާ އަލް ހިލާލީ ވިދާޅުވީ، މި އެއްބަސްވުންތަކަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި އަދި ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450