ޚަބަރު
ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީއެއް ޤާއިމުކޮށް، ޚިދުމަތް ރަސްމީކޮށް ފަށައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެދި ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީ ފޮޓޯ: ޕީއެސްއެމް ނިއުސް
ރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާ އައު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީއެއް ޤާއިމުކޮށް، އެތަނުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ލެބޯރެޓަރީ ހުޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ.
މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތެލަސީމިއާ ކުދިންނަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން، އެ ބައްޔަށް ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުގެ މުހިންމު ބައެކެވެ. ރައީސްގެ ރިޔާސީ ބަޔާނުގައިވެސް ވަނީ ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓަމޭޓަޑް ޑީ.އެން.އޭ ތަޙްލީލުކުރާ ލެބޯރެޓަރީއެއްގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

ލެބޯރެޓަރީ ހުޅުއްވައިދެއްވުމަށްފަހު ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި މިފަދަ ޓެސްޓުތައް ހެދެނީ ހަމައެކަނި އެންޖީއޯއަކުން ހިންގާ ކުޑަ ލެބޯޓްރީއެއްގައި ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މި ޤާއިމުކުރި އޮޓަމޭޓަޑް މެޝިންތަކުގެ އެހީގައި، މީގެ ކުރިން ރާއްޖެއިން ބޭރަށް ފޮނުވައިގެން ހަދަންޖެހުނު އެތައް ތަޙުލީލެއް މިހާރު ރާއްޖޭގައި ތިބެގެން ހެދޭނެ ކަމަށެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ލެބޯރެޓަރީގައި ބޭނުންކުރާ ކިޓްތަކަކީ ދިވެހިންގެ ތެރޭގައި އާންމުކޮށް ފެންނަ ލޭގެ ބަލިތަކަށް ރިއާޔަތްކޮށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ކިޓްތަކެއް ކަމަށެވެ. މީގެ ސަބަބުން ކައިވެނީގެ ކުރިން ހަދާ ޓެސްޓުތަކާއި، ބަނޑުގައި އޮންނަ ދަރިފުޅުގެ ތެލަސީމިއާ ސްކްރީނިންގ ނުވަތަ ޕްރީނޭޓަލް ޑައިގްނޯސިސްގެ ޚިދުމަތް ދިނުމަށް މަގުފަހިވެގެންދާނެއެވެ.
މި ލެބޯރެޓަރީއަކީ 2025 ޖޫން 25 ގައި މޯލްޑިވިއަން ބްލަޑް ސަރވިސަސް ހުޅުމާލޭގެ އައު އިމާރާތަށް ބަދަލުކުރި ފަހުން އެތަނުގައި ފެށި ތިންވަނަ ބޮޑު ޚިދުމަތެވެ. މީގެ އިތުރުން ސަރުކާރުން އަންނަނީ ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފުޅާކޮށް، ތެލަސީމިއާ ކުދިންނަށް މަހަކު 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ތައްޔާރުވަމުންނެވެ. އަދި މި އަހަރުގެ ތެރޭގައި ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއްގެ މަސައްކަތް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ލެބޯރަޓަރީ ހުޅުއްވައިދެއްވީ ސިއްޙީ ވަޒީރު @ANazim2019 އެވެ. pic.twitter.com/ZcQ0OXkzLI
— Ministry of Health (@MoHmv) February 8, 2026