Ads by Stelco

ޚަބަރު

އައްޑޫގައި ކެތުލެބާއި،ފުރަތަމަ ފަހަރަށް ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވައިފި

އައްޑޫގައި ކެތުލެބާއި،ފުރަތަމަ ފަހަރަށް ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވައިފި

އައްޑުގައި ކެތު ލެބެއް އަދި އައިނު ފިހާރައެއް ޤާއިމުކުރުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ފެބްރުއަރީ 2026، 08:20

08 ފެބްރުއަރީ 2026، 08:20

އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމުކުރި އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ އަތޮޅުތެރޭގައި މިފަދަ ޚިދުމަތްތަކެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްއާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރް އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްސީޖީއެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އައްޑޫގައި ޤާއިމުކުރި ކެތު ލެބްގެ ސަބަބުން އައްޑޫ ސިޓީގެ އިތުރުން މުޅި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.



އޭނާ އިތުރަށް ވިދާޅުވީ، އޭއީއެޗްގައި ނެހެދޭ ބައެއް ޓެސްޓުތަކަށް އާންމުންގެ އަތުން ނަގަމުންދާ ކޯ-ޕޭމަންޓަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، ޕްރައިވެޓް ލެބޯޓަރީތަކުގެ ބަދަލުގައި އެފަދަ ޓެސްޓުތައް އައިޖީއެމްއެޗްއަށް ފޮނުވައިގެން ހެދޭނެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގައި ހުޅުވި އައިނު ފިހާރައާ ގުޅޭގޮތުން ޙަލީމް ވިދާޅުވީ، މިއީ އެމްސީޖީއެޗްއާއި އޭއީއެޗް ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. މާލޭގައި ހިންގާ ސަރުކާރުގެ އައިނު ފިހާރަތަކުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 12,988 ފަރާތަކަށް ޚިދުމަތް ދީފައިވާ ކަމަށާއި، އޭގެ ތެރެއިން 12,056 ފަރާތަކަށް ސަރުކާރުގެ ޚަރަދުގައި އައިނު ހަދައިދީފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ކެތު ލެބްގެ މަސައްކަތްތައް ހިންގުމާއި އައިނު ފިހާރައިގެ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން އައިޖީއެމްއެޗްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ ދެމެދު ވަނީ ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450