ޚަބަރު
މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހު ހުޅުވަނީ
މަސްޖިދުލް ޔޫސުފުލް ބަރުބަރީ/ފޮޓޯ: ވުޒާރާ
މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، 3 ބުރިއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މި މިސްކިތުގެ މަސައްކަތް 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަވާލުކޮށްފައިވާއިރު، މިއީ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.
ރާއްޖޭގެ އެކި ސަރަޙައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ މަޝްރޫޢަށް އަލިއަޅުއްވާލާ ވަޒީރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ވިލި މާލެ މަސްޖިދުއްސަލާމް އަދި ޒިކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ވެސް ރަމަޟާން މަސް ފަހުން ފެށިގެންދާނެ ކަމަށެވެ. އަދި ރަމަޟާން މަސް ކައިރިވެފައި އޮތުމުން މިތަންތަން ތަޅާނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދަތިވެދާނެތީކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، މި ދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސްޕޮންސަރ ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުމާއެކު، މާލެ ސަރަޙައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނިކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެކަމަށާއި، މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމިސްކިތުގެ މަސައްކަތް އަންނަ އަހަރު ރޯދައަށް ނިމޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.