ޚަބަރު
ޝައިޚް ނައިފަރީގެ ބޮޑު ދަރުސެއް ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ
ޝެއިޚް މުހައްމަދު އިބްރާހިމް (ނައިފަރީ)
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް މުހައްމަދު އިބްރާހިމް (ނައިފަރީ)ގެ ޚާއްޞަ ދަރުހެއް މި ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ގިނަ ދުވަސްތަކަކަށްފަހު ޝެއިޚް ނައިފަރީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބޮޑު ދަރުހެކެވެ.
"އަލް ޢަސްރު" ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި ދަރުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "الله ގެ ނިޔާއަށް ރުހުން" މި މައުޟޫޢުގެ މައްޗަށެވެ. މި ދަރުހަކީ އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ "ކަލަކުވޭ" ދަރުސް ސީރީސްގެ ދަށުން ބާއްވާ ހަރަކާތެކެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ބާއްވާ މި ދަރުސް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހުޅުމާލޭގެ "ރުއްގަނޑު 2" ސަރަޙައްދުގައެވެ. މި ދަރުހަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަކީ އިންތިޒާމުކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
"ކަލަކުވޭ" ސީރީސް އަކީ އަލް-ޢަސްރާއި އެޗްޑީސީން ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދާ ޕަބްލިކް ދަރުސް ސީރީސް އެކެވެ. މި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ދަރުހަކީ މި ސީރީޒްގެ ދަށުން ބާއްވާ ތިންވަނަ ދަރުހެވެ. މި ސީރީޒްގެ މަޤްޞަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ރަނގަޅު އުޞޫލުތައް އާންމުންނަށް އޮޅުންފިލުވައިދިނުމެވެ.