ޚަބަރު
ދެއިންތިޚާބު އެއްކޮށްލުމާ ބެހޭ ބިލާއި މެދު މާދަމާ ގޮތެއް ނިންމަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި ބިލާއި މެދު ގޮތެއް ނިންމުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މި ބިލު މިއަދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކޮމިޓީން ވަނީ އިލެކްޝަންސް ކޮމިޝަނާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން ސިޔާސީ ޕާޓީތަކާ ވެސް ބައްދަލުކޮށްފައެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމަށް ކަނޑައެޅުމާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ބަދަލު ގެނައުމެވެ. އެގޮތުން މަޖިލީހުގެ އުމުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ކަމަށް ކަނޑައެޅުމަށް ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލީސް އުވުމާއެކު، އަލަށް އިންތިހާބު ކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު އެއް ވަނަ ދުވަހު ކަމަށް ވެސް އިސްލާހުގައިވެއެވެ. މި ބަދަލުތަކަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، މަޖިލީހުން މި އިސްލާހު ފާސްކުރުމަށްފަހު، މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނަގާނެ ކަމަށެވެ. "ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފެންނަ ކަމަށްވަންޏާ، ދެ އިންތިހާބު އެކުގައި ދެން އޮންނާނީ،" ރައީސް ވިދާޅުވެފައިވެއެވެ.
މާދަމާގެ ޖަލްސާގައި ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުމަށްފަހު، ބިލަށް ބަހުސްކޮށް ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ދެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ދައުލަތަށް ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާތީ، މި ބަދަލަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެވެ.