ދުނިޔެ

ފަލަސްތީނުގެ އަސީރުން ޝަހީދުކުރުމަށް އިޒްރާއީލުން ހާއްސަ މަރުކަޒެއް ގާއިމުކުރަނީ

ފަލަސްތީނުގެ އަސީރުން ޝަހީދުކުރުމަށް އިޒްރާއީލުން ހާއްސަ މަރުކަޒެއް ގާއިމުކުރަނީ

އިޒްރާއިލްގެ ޖަލުގައި ހައްޔަރުކޮށްފައިތިބި ފަލަސްޠީނުގެ ރައްޔިތުންތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ފެބްރުއަރީ 2026، 09:24

09 ފެބްރުއަރީ 2026، 09:24

އިޒްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުންނާއި ރަހީނުން މެރުމަށް ހުއްދަދޭ ގާނޫނުގެ ފުރަތަމަ ކިޔުން ފާސްވުމާ ގުޅިގެން، އެކަން ތަންފީޒު ކުރުމަށް އިޒްރާއީލުގެ ޕްރިޒަން އޮތޯރިޓީން ހާއްސަ ރޭވުންތަކެއް އެކުލަވާލައިފިއެވެ.

އިޒްރާއީލުގެ ޗެނަލް 13 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރޭވުމުގެ ދަށުން މަރުގެ އަދަބު ދިނުމަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމާއި، އެކަން ކުރިއަށް ގެންދާނެ ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.

މި ރޭވުމުގައިވާ ގޮތުން، މަރުގެ އަދަބު ދިނުމަށް ހަމަޖެހިފައިވަނީ ދަންޖައްސައިގެންނެވެ. އަދި މިކަން ކުރިއަށް ގެންދާއިރު، ނަފްސާނީ ގޮތުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ތިން ގާޑުން އެއްފަހަރާ މަރުގެ އަދަބު ތަންފީޒުކުރާ ފިތްތަކަށް ފިއްތާލާނެއެވެ. މަރުގެ އަދަބު ދޭ މީހުން އެހެން ގައިދީންނާ ވަކިން އެކަހެރިކޮށް ބޭތިއްބުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރާނީ އެކަމަށް ހާއްސަކޮށް ތަމްރީނު ކުރެވިފައިވާ ވޮލަންޓިއަރުންގެ ޓީމަކުންނެވެ.

މި ގާނޫނުގެ ދަށުން އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ އިޒްރާއީލުން "އެލީޓް ޕްރިޒަނާސް" ގެ ނަމުން ނިސްބަތްކުރާ، ޣައްޒާއިން ހައްޔަރުކޮށްފައިވާ ސަތޭކައަށްވުރެ ގިނަ ރަހީނުންނަށެވެ. އޭގެ ފަހުން ހުޅަނގު އައްސޭރިން ހައްޔަރުކޮށްފައިވާ ފަލަސްތީނު މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާނެއެވެ. އިޒްރާއީލުން ރާވާފައިވަނީ ކޯޓުން ފައިނަލް ހުކުމެއް އިއްވާތާ 90 ދުވަހުގެ ތެރޭގައި އަދަބު ތަންފީޒު ކުރުމަށެވެ.

މި ނިޒާމު އިތުރަށް ދިރާސާކުރުމަށްޓަކައި އިޒްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާގެ ވަފުދެއް ދާދި އަވަހަށް އިރުމަތީ އޭޝިއާގެ ގައުމަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ ބޭނުމަކީ މަރުގެ އަދަބު ދިނުމުގައި ބޭނުންކުރާ ގާނޫނީ އަދި އިޖުރާއީ އޮނިގަނޑުތައް ދިރާސާކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަންކަން ބައްޓަންކުރުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން ވަނީ މި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ހަމާސް ޖަމާއަތުން ބުނި ގޮތުގައި މިއީ އިޒްރާއީލުގެ ނަސްލީ ތަފާތުކުރުމާއި ޖިނާއީ ސިޔާސަތުތަކުގެ އިތުރުވުމެކެވެ. އަދި އދ. އާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ހަމާސްއިން ވަނީ ގޮވާލާފައެވެ.

އިސްލާމިކް ޖިހާދު ހަރަކާތުން ބުނެފައިވަނީ މިއީ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ނުރައްކާތެރި މަރުހަލާއެއް ކަމަށެވެ. އަދި އިސްރާއީލުގެ ގާނޫނީ ނިޒާމަކީ ފަލަސްތީނު މީހުންނަށް އަދަބުދީ، އިޒްރާއީލުގެ ސިފައިންނާއި ވަޒަންވެރިންނަށް ހިމާޔަތްދޭ ނިޒާމެއްގެ ގޮތުގައި އެ ޖަމާއަތުން ސިފަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450