ޚަބަރު
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ޤާނޫނީ ބާރުވެރިކަން ދިނުމާގުޅޭ ބިލުގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވާފައިވާ "ވަޠަނީ ޚިދުމަތް" ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް ތައްޔާރުކޮށްފައިވާ ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިއީ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި ކުރިއަށްދާނެ އެންމެ މުހިންމު އެއް މަސައްކަތެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ފަރުހަތު މުހައްމަދެވެ. މި ބިލަކީ ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ލޯބި އަށަގަންނަވައި، އަދި ޔުނީފޯމް އެޅި ހިދުމަތްތަކަށް ބޭނުންވާ ޖިސްމާނީ އަދި ފަންނީ ގާބިލްކަން ހުރި ޒުވާން ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ހުށަހަޅާ ބިލެކެވެ.
މި ބިލުގެ ދަށުން ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ހިންގުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ޕްރޮގްރާމްގައި ބައިވެރިވުމުގެ އުސޫލުތަކާއި، ފޯރުކޮށްދެވޭނެ ތަޢުލީމާއި ތަމްރީނުތަކުގެ އިތުރުން، މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ލިބޭނެ ހާއްސަ ފުރުސަތުތައް ބަޔާންކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ އަހަރު ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ވަޠަނީ ޚިދުމަތުގެ ބިލުގެ އިތުރުން، މިއަދުގެ ޖަލްސާގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ބެހޭ ބިލުގެ މަސައްކަތްވެސް އެޖެންޑާކޮށްފައިވެއެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމާއި، ސާބިޔާ އަދި މޯލްޓާއަށް ރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރުމަށް ކޮމިޓީތަކަށް ފޮނުވުންވެސް މިއަދުގެ އެޖެންޑާގައި ހިމެނެއެވެ.
މި ބިލަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށާއި ޤައުމީ ސަލާމަތީ ޚިދުމަތްތައް ވަރުގަދަކުރުމަށް ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ޤާނޫނީ މަސައްކަތެކެވެ.