ޚަބަރު
މަޖިލީހުން ޤާނޫނު އަސާސީއަށްވެސް އިސްލާޙު ގެނެވޭނެ، ޤާނޫނުތަކަށްވެސް އިސްލާޙު ގެނެވޭނެ: ޢަބްދުއްރަޙީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ. ފޮޓޯ: މަޖިލިސް
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުތަކާއި ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ފުރިހަމަ ބާރު ލިބިދީފައިވާ މުއައްސަސާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ހުށަހެޅުއްވި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ބިލުގެ ރިޕޯޓަށް ބަހުސްކުރަން ހުޅުވާލި ވަގުތު މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން އަޑުގަދަކުރަން ފެށުމާ ގުޅިގެންނެވެ.
މަޖިލީހުގެ ތަޅުމުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ މަޖިލީހުން ޤަވާއިދާ ޚިލާފަށް ކަންތައްތައް ކުރަމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނިންމުންތައް މަޖިލީހުން އިއްވަމުންދާ ކަމަށް ތުހުމަތު ކުރައްވައި އަޑުގަދަކުރައްވާފައެވެ. މިކަމަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހަކީ ޤާނޫނާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ، މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ހިންގާ ތަނެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު އަސާސީއާ ޤާނޫނުތަކަށް އިސްލާޙު ގެނައުމުގެ ބާރު ޤާނޫނު އަސާސީން ލިބިދީފައިވާ މަޖިލީހެއް. މި މަޖިލީހުން ޤާނޫނު އަސާސީއަށްވެސް އިސްލާޙު ގެނެވޭނެ، ޤާނޫނުތަކަށްވެސް އިސްލާޙު ގެނެވޭނެ، އާ ޤާނޫނުތައް ހަދަންވެސް ހެދޭނެ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި މަޖިލީހުން އަމަލުކުރަމުންދަނީ ޤާނޫނު އަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ، މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނިންމާނީ މަޖިލީހުން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުމެއް ނޫން ކަމަށެވެ. މީގެ އިތުރުން ދައުރުން ބޭރުން ޖަލްސާ ބޭއްވުމަކީ މަޖިލީހުގެ ރައީސްގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން ކަމަށާއި، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރުން ހުއްޓާނުލުމުގެ ސަބަބުން، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރުގެ އިތުރުން، ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު، މުޙައްމަދު ނިއުޝާދު އަދި މީކާއީލް ނަސީމުގެ ނަން އިއްވައި ވަނީ ތަޅުމުން ނެރެފައެވެ. މި ހަމަނުޖެހުންތަކާ އެކުވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.