ޚަބަރު
ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާތަން ބަދަލުކުރަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި
އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ---
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުން ރީ-ރެޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ރީ-ރެޖިސްޓްރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅަންޖެހޭނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަނި ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
ނަމަވެސް، މަޖިލިސް އިންތިޚާބުގައި ރިސޯޓްތަކާއި، ސިނާއީ ތަންތަން އަދި ޖަލުތަކުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުން މިހާރު ރަޖިސްޓްރީވެފައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށުގައި ކަމަށްވާތީ، އެފަދަ ފަރާތްތަކުންވެސް އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާނަމަ އަލުން ރީ-ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ރީ-ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހެޅޭނީ ކޮމިޝަންގެ ޕޯޓަލްތައް ކަމަށްވާ my.elections.gov.mv އަދި form.elections.gov.mv މެދުވެރިކޮށެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ އާމިނަތު އަޒީފާ ވިދާޅުވީ، "މައި-ޕޯޓަލް ނަމަ ޖެހޭނީ ވެރިފައިޑް އީފާސް އެކައުންޓަކުން ލޮގިން ވާން. ފޯމްސްޑޮޓްއިލެކްޝަންސް އިން ނަމަ އައިޑީ ކާޑްގެ ދެފުށުގެ ކޮޕީއާއި ފޮޓޯއެއް ހުށައަޅަން ޖެހޭނެ. ހުށައަޅާ މަޢުލޫމާތު ވެރިފައިކޮށްފައި، ރީރަޖިސްޓަރވިކަން ނުވަތަ މައްސަލައެއް އުޅޭނަމަ އަންގާނީ އެސްއެމްއެސްއިން އަދި މައި-ޕޯޓަލް މެދުވެރިކޮށް،" ކަމަށެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މަޢުލޫމާތު ޗެކްކުރުމަށްޓަކައި 1414 އަށް 'VR' ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް އައިޑީކާޑު ނަންބަރު ޖަހާފައި އެސްއެމްއެސް ކުރުމުން އެނގޭނެއެވެ. މީގެ އިތުރުން މައި-ޕޯޓަލް މެދުވެރިކޮށްވެސް މި މަޢުލޫމާތު ބަލާލެވޭނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކުރާނީ ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ ނިމުމުންނެވެ.