ޚަބަރު
މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ތަޅާލައިފި
މަޖީދިއްޔާ ސްކޫލް
މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށްޓަކައި، އެ ސްކޫލާ އިންވެގެން ހުރި ކުރީގެ ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ތަޅާލުމުގެ މަސައްކަތް ނިންމާލައިފިއެވެ. ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާއެކު ބިނާކުރާ މި އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައެވެ.
މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އެ ބިމުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް ބިނާކުރައްވާނެ ކަމަށެވެ.
މި އިމާރާތުގެ ޚާއްޞަކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "އެ ކްލާސްރޫމްތަކުގެ ތެރެއިން ބައެއް ކްލާސްތަކަކީ ސްމާޓް ކްލާސްތަކުގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ސްމާޓް ކްލާސްތަކަށްވާނެ" ކަމަށެވެ. މީގެ އިތުރުން މަޖީދިއްޔާގެ ތާރީޚީ ބިނާ، ދާރުލް އުލޫމް ތަޢުލީމީ ދާއިރާގެ ދާރުލްއާސާރަކަށް (ނޭޝަނަލް އެޑިއުކޭޝަން މިއުޒިއަމް) ބަދަލުކުރެއްވުމަކީ ސަރުކާރުގެ ޕްލޭނެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އައު އިމާރާތުގެ އިންޖިނިއަރިން މަސައްކަތްތަކާއި ކުރެހުމުގެ މަސައްކަތްތައް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ.
މި މަޝްރޫޢަކީ މަޖީދިއްޔާ ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދީ، ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މީގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ތާރީޚާއި ތަރައްޤީ އައު ހަރުފަތަކަށް ވާސިލްވާނެ ކަމަށް ބެލެވެއެވެ.