Ads by Stelco

ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ފެބްރުއަރީ 2026، 11:50

10 ފެބްރުއަރީ 2026، 11:50

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މ. މާވަށު، ކިނާރާ، ރިފްއަތު އަބްދުﷲ އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު ވަނީ އިއްވާފައެވެ. އެ ސިޓީފުޅު އިއްވެވުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނަށް އާ މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެ ކޮމިޝަންގެ މިހާރުގެ މެންބަރެއް ކަމަށްވާ ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވާތީއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރެވޭނީ އެކަމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުން ދޭ ފަރާތްތަކަށެވެ.

އިލެކްޝަންސް ކޮމިޝަނަކީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މިނިވަން މުއައްސަސާއެކެވެ. މިހާރު ހުށަހަޅާފައިވާ ރިފްއަތު އަބްދުﷲ ގެ ނަންފުޅާމެދު ކޮމިޓީން ދިރާސާކޮށް ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450