Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން މިއަހަރުގެ ތެރޭގައި ނިމޭނެ: ވަޒީރު އިޙްސާން

މަސްތުވާތަކެތީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން މިއަހަރުގެ ތެރޭގައި ނިމޭނެ: ވަޒީރު އިޙްސާން

ވަޒީރު އިޙްސާނު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ފެބްރުއަރީ 2026، 01:07

10 ފެބްރުއަރީ 2026، 01:07

މަސްތުވާތަކެތީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން މި އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއްދެއްވާ ކަމެކެވެ. މިގޮތުން، ޑްރަގް ރީހެބިލިޓޭޝަން ފަރުވާގެ ތެރޭގައި، ދީނީގޮތުން ފިލާވަޅުތައް ނަގައިދިނުމުގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދާދި ފަހުން ވަނީ ދެއްވާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ހަމަ އެއާއެކު، މިއަހަރުގެ ތެރޭގައި މަސްތުވާތެކީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

އަމިއްލަ ފަރާތްތަކަށްވެސް ބައިނަލްއަޤްވާމީ މިންގަަނޑުތަކާ އެއްގޮތަށް މި ފަރުވާ ދެވޭނެ ފުރުޞަތު ރާއްޖޭގައި ހޯދުން. އެއީ ޕޭ ކޮށްގެންވެސް އެންމެ ކޮލިޓީ ފަރުވާ ބޭނުންވާ ފަރާތްތައް އެބަތިބި. އެހެންނަމަވެސް ސަރުކާރުގެ މި ވަގުތުގެ އިންފްރާސްޓްރަކްޗަރ އިން އަދި އަޅުގަނޑުމެންނަށް އެ ލެވެލްގެ ފަރުވާއެއް ނުދެވޭ. އެހެންވީމަ އަޅުގަނޑުމެން ޕްރައިވެޓް ސެކްޓަރއަށްވެސް މި ހުޅުވާލަނީ އަދި ބޭރުގެ ފަރާތްތަކަށްވެސް މި ހުޅުވާލަނީ ރާއްޖެއަށް އައިސް މި ފަރުވާދޭން.

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ނޭޝަނަލް  ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ހުޅުމާލެއިން ލިބިފައިވާ ބިމުގެ އިތުރުން ގްރީންގެވެސް ތަރައްޤީ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން، އެ ތަކެތީގައި ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި، ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ޙުކުމްކުރާ ހާލަތުގައި މަރުގެ އަދަބު ދިނުން ހިމެނޭހެން ބޮޑެތި އަދަބުތައް ވެސް މިހާރު ކަނޑައަޅުއްވާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މުހިންމު ބޮޑެތި އިޞްލާޙުތަކެއް ގެނެސްފަވާއިރު މި އިޞްލާޙުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ މުޅި ދައުލަތް ހިމެނޭހެން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތުގައި ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ، ޑްރަގުގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުން ދޫކޮށްލަން އެދުމުގެ ކަންކަން އުނިކޮށްފަ އޮތްއޮތުމުން ހާމަވަނީ މި މައްސަލަ ހައްލުކުރުމަށް ރައީސް ބޭނުންފުޅުވާ މިންވަރު ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ އަތްޕުޅުގަ އޮންނަ ބޮޑެތި ބާރުތައްވެސް ދޫކޮށްލައްވައިގެން ދިވެހި ރައްޔިތުންނަށްޓަކައި މިކަން ހައްލުކޮށްދެއްވުމަށް ބޭނުންފުޅުވާ ރައީސް އެއް އަދުގެ ރައީސް ޑރ. މުޢިއްޒަކީ. އަޅުގަނޑުމެންނަށް މިއަދު އޮތް ޔަޤީންކަމަކީ މިކަން ހައްލުކުރެވިދާނެކަން. ކުރީ ސަރުކާރުގަ ނެތް އެ ކޮމިޓްމެންޓެއްވެސް. މިހާރަކު އެއްވެސް މީހަކަށް ނުކެރޭނެ ޖަލުގަ އޮންނަ މީހެއް ދޫކޮށްލަން ރައީސްގެ އަރިހުގަ އެދޭކަށް. އަދި އަޅުގަނޑަށާ ސީޕީއަށްވެސް އެ ކޯލު ނާންނާނެ ކަމުގެ ޔަޤީންކަން މިއަދު އޮވޭ.

ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް މިހާރު ދީފައިވާއިރު، ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި، އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުޞޫލުވެސް، މި އިޞްލާޙުގެ ތެރެއިން މުރާޖަޢާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450