ޚަބަރު
ހާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން މިދައުރުގެ ތެރޭގައި ހިފްޒު ކޮމިޓީތައް އިތުރުކޮށްފައިވާނެ: ޝައިޚް ސަޢުދާން
ޙާފިޒުންގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގައި ޙާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި ދައުރުގެ ތެރޭގައި ހިފްޒު ކޮމިޓީތައް އިތުރުކޮށްފައިވާ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސައުދާން، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ސްޓޭޓް މިނިސްޓަރ ސައުދާން ވިދާޅުވީ، ހާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސީޓީގައިވެސް މިހާރު ހިފްޒު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ. މީގެ އިތުރުން މާލެއިން ބޭރުގައި، ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައިވެސް މިހާރު ވަނީ ހިފްޒު ކޮމިޓީތައް އުފައްދާފައެވެ. މިހާރުވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކްލާސްތަކުގައި 1800 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ޤާއިމްކުރުން ކަމަށް ސައުދާން ވިދާޅުވިއެވެ. "ޙާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ކޮންމެ ރަށެއްގައި ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މިއިން ކޮންމެ ސެންޓަރެއްގައިވެސް ހިފްޒުގެ ބައި ހިމެނޭނެ،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން ބިދޭސީ ހާފިޒުން ގެނެސްގެން ކިޔަވައިދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް 7 ބިދޭސީ މުދައްރިސުން އަތޮޅުތަކުގެ ސެންޓަރުތަކުގައި މަސައްކަތް ކުރަމުންދާއިރު، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު 10 ބިދޭސީ ހާފިޒުން ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ޤުރުއާން ހިތުދަސްކޮށްދޭ އަމިއްލަ ޖަމްޢިއްޔާތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންދާކަންވެސް ސައުދާން ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރަމުންދާ މި މަސައްކަތްތަކާއެކު މިހާރު ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު ވަނީ 291 އަށް އަރާފައެވެ. އަދި ރަމަޟާން މަހުގެ ކުރިން މި ޢަދަދު 300 އަށް އެރުވުމަކީ އަމާޒެކެވެ. ޙާފިޒުންގެ އަގުވަޒަންކުރުމުގެ ގޮތުން، ދަސްވެނިވާ ހުރިހާ ޙާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވަން ފައްޓަވާފައިވާއިރު، ޙާފިޒުންނަށް ދޭ މަހު އެލަވަންސްވެސް ވަނީ 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކޮށްފައެވެ.