ދުނިޔެ

އޭއައި ބޭނުންކޮށްގެން އާސާމްގެ ޗީފް މިނިސްޓަރު މުސްލިމުންތަކެއްގެ ގަޔަށް ބަޑިޖަހާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާ ގުޅިގެން ހަމަނުޖެހުންތަކެއް އުފެދިއްޖެ

އޭއައި ބޭނުންކޮށްގެން އާސާމްގެ ޗީފް މިނިސްޓަރު މުސްލިމުންތަކެއްގެ ގަޔަށް ބަޑިޖަހާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާ ގުޅިގެން ހަމަނުޖެހުންތަކެއް އުފެދިއްޖެ

އިންޑިއާގެ އާސާމް ސްޓޭޓްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރުމާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ފެބްރުއަރީ 2026، 05:05

10 ފެބްރުއަރީ 2026، 05:05

އިންޑިއާގެ އާސާމް ސްޓޭޓްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރުމާ، މުސްލިމުންގެ ތަސްވީރަކަށް ބަޑިޖަހާ މަންޒަރު ދައްކުވައިދޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

މި ވީޑިއޯއަކީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އާސާމް ގޮފިން އެކްސްގައި ހިއްސާކުރި ވީޑިއޯއެކެވެ.

17 ސިކުންތުގެ މި ވީޑިއޯ ކްލިޕްގައި ސަރުމާ ރައިފަލެއް ހިފައިގެން ހުންނަ އަސްލު ފޫޓޭޖާއި، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރުތައް ހިމެނެއެވެ. "ނޯ މާސީ" ނުވަތަ އެއްވެސް ރަހުމެއް ނެތް ކަމަށް ލިޔެފައިވާ މި ވީޑިއޯގައި އޭނާ ބަޑިޖަހަނީ ދެ މުސްލިމެއްގެ ތަސްވީރަށެވެ. މީގެ ތެރެއިން އެކަކީ އިދިކޮޅު ކޮންގްރެސް ޕާޓީގެ މެންބަރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އާންމުންގެ ނުރުހުމާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތަކާ ގުޅިގެން މިހާރު މި ވީޑިއޯ ވަނީ ޑިލީޓްކޮށްފައެވެ.

މި ވީޑިއޯގައި ސަރުމާ ކައުބޯއީއެއްގެ ހެދުމުގައި ހުރެ ފިސްތޯލައެއް ދިއްކޮށްގެން ހުންނަ މަންޒަރުތަކެއްވެސް ހިމެނެއެވެ. އަދި އޭގެ މަތީގައި "ބޭރު މީހުންނެއް ނެތް އާސާމެއް" މިފަދަ އިބާރާތްތައް ލިޔެފައިވެއެވެ. އާސާމްގެ ބީޖޭޕީ ގޮފީގެ ލީޑަރެއް ކަމަށްވާ ރަންޖީބް ކުމާރު ސަރުމާ އިންޑިއަން އެކްސްޕްރެސްއަށް ބުނީ، ވީޑިއޯ މިހާރު ޑިލީޓްކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ބުނަން ނެތް ކަމަށެވެ.

އާސާމްގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ މުސްލިމުން ކަމަށްވާއިރު، ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސަރުމާ ވަނީ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ބަސްމަގު ބޭނުންކުރަން ފަށާފައެވެ. މިދިޔަ މަހު އޭނާ ވަނީ ބެންގާލީ ދަރިކޮޅުގެ މުސްލިމުންނަށް "ދަތިތަކާ ކުރިމަތިކުރުވުމަށް" އާސާމްގެ ރައްޔިތުންނަށް ގޮވާލާފައެވެ. މީގެ އިތުރުން ސެޕްޓެމްބަރު މަހުވެސް ބީޖޭޕީން ވަނީ މުސްލިމުންނަކީ "ޣައިރު ގާނޫނީ ހިޖުރަވެރިން" ގޮތުގައި ސިފަކޮށް އޭއައި ވީޑިއޯއެއް އާންމުކޮށްފައެވެ.

ކޮންގްރެސް ޕާޓީގެ އާސާމްގެ ލީޑަރެއް ކަމަށްވާ އަމާން ވަދޫދު އަލްޖަޒީރާއަށް ވިދާޅުވީ، މި ވީޑިއޯއަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ބީޖޭޕީން ގާނޫނަށާއި އަސާސީ އަޚްލާގަށް އެއްވެސް އިހުތިރާމެއް ނުކުރާކަން މީގެން ހާމަވާ ކަމަށެވެ. ކޮންގްރެސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ވީޑިއޯއަކީ "ގަތުލުއާންމަކަށް ގޮވާލުން" ފަދަ ކަމެއް ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗުން މިދިޔަ ޖުލައި މަހު ބުނެފައިވާ ގޮތުގައި، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެ ގައުމުގެ ރައްޔިތުން ކަމަށްވާ އެތައް ސަތޭކަ ބެންގާލީ މުސްލިމުންނެއް، އެއީ ޣައިރު ގާނޫނީ ހިޖުރަވެރިން ކަމަށް ބުނެ ގާނޫނީ އެއްވެސް އިޖުރާއަތެއް ފުރިހަމަނުކޮށް ބަންގްލަދޭޝްއަށް ފޮނުވާލަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450