Ads by Stelco

ޚަބަރު

ތިލަފުށިން ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ނީލަން ކިޔަން ނިންމައިފި

ތިލަފުށިން ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ނީލަން ކިޔަން ނިންމައިފި

ހުއިފިލަނޑައެއް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ފެބްރުއަރީ 2026، 08:52

10 ފެބްރުއަރީ 2026، 08:52

ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އެ ތަކެތި ނީލަން ކިޔައިގެން ވިއްކާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފިއެވެ.

މި މައްސަލައަކީ 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ތިލަފުށީގެ ގުދަނެއްގައި ހުރި ހުއިފިލަނޑާތަކެއް ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެހެން ތަނަކަށް ބަދަލުކުރި ކަމަށް ބުނެ، 2025 ޑިސެމްބަރު 31 ގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ. ފުލުހުން ކުރި ތަހުގީގުން އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް ރައްކާކޮށްފައި ހުރީ މާލޭގެ ދެ ގެއެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކޮށް، ފުލުހުން ވަނީ 1,438 ކިލޯގެ ހުއިފިލަނޑާ އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ތެރޭގައި، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭކަން ފާހަގަކުރެވެއެވެ. އަދި މި ވިޔަފާރި ހިންގި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: R-3/2025) ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ބައެއް ނޫންކަން ވެސް ތަހުގީގަށް ވަނީ ހާމަވެފައެވެ.

މި މައްސަލައިގައި މުދަލުގެ މިލްކުވެރިކަމާ މެދު މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތުންވެސް ދައުވާކުރަމުންދާތީ، އެ ތަކެތީގެ ހަގީގީ ވެރިފަރާތް ކަނޑައެޅިގެން ދެނެގަނެވިފައެއް ނުވެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެއްޗަކީ އަވަހަށް ހަލާކުވާ ފަދަ ތަކެތި ކަމަށްވާތީ، އެ މުދަލާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕީ.ޖީ. އޮފީހުގައި އެދުމުން، އެ އޮފީހުން ލަފާދީފައިވަނީ އެ ތަކެތި ނީލަން ކިޔުމަށެވެ.

ޕީ.ޖީ. އޮފީހުގެ ލަފާގައިވަނީ، މިލްކުވެރިކަމާ މެދު ޚިލާފު އުފެދިފައިވާތީ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށެވެ. އެހެންކަމުން، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެތީ، ވާދަވެރި ބާޒާރުގައި ނީލަން ކިޔައިގެން އެ ތަކެތި ވިއްކާލައި، ލިބޭ ފައިސާ ތަހުގީގު ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ އަންގާފައެވެ. ޝަރީއަތުން މުދަލުގެ ވެރިފަރާތް ކަނޑައެޅުމުން، އެ ފައިސާ އެ ފަރާތަކާ ހަވާލުކުރެވޭނެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން މުދާ ހޯދުމަށް އެދި 2026 ޖެނުއަރީ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު، ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450