ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕްގައި ވެސް ނިއު ރޭޑިއަންޓަށް އޮޑި ސްޕޯޓްސް ބަލިކުރެވޭ ގޮތެއް ނުވި

ޕްރެޒިޑެންޓްސް ކަޕްގައި ވެސް ނިއު ރޭޑިއަންޓަށް އޮޑި ސްޕޯޓްސް ބަލިކުރެވޭ ގޮތެއް ނުވި

ޕްރެޒިޑެންޓްސް ކަޕްގައި ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: އަދަދު ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ފެބްރުއަރީ 2026، 09:42

11 ފެބްރުއަރީ 2026، 09:42

ދިވެހި ޕްރިމިއަރ ލީގުގައި ވަރަށް ވާދަވެރިކޮށް ފެނުނު ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ކްލަބް ޕްރެޒިޑެންޓްސް ކަޕްގައި ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1އިންނެވެ. 

މިއީ މި ސީޒަންގައި މި ދެ ޓީމުގެ ތިންވަނަ ކުރިމަތިލުމެވެ. އެގޮތުން ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކުޅުނު މެޗު 1-0އިން އޮޑި ސްޕޯޓްސް ކާމިޔާބުކުރިއިރު، ދެވަނަ ބުރުގައި މި ދެ ޓީމުގެ ކުރިމަތިލުން ނިމުނީ 0-0އިން އެއްވަރުވެގެނެވެ. އެހެންކަމުން، މިހާތަނަށް މި ސީޒަންގައި މި ދެ ޓީމު ކުޅުނު އެއް މެޗު އޮޑި ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވާއިރު، ދެ މެޗު މިވަނީ އެއްވަރުވެފައެވެ. 

މި މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއު ރޭޑިއަންޓުންނެވެ. އެގޮތުން މެޗުގެ 6ވަނަ މިނެޓުގައި ލީޑު ނަގައިދިނީ އެ ޓީމަށް ކުޅޭ ލައިބީރިއާގެ މިޑްފީލްޑަރ އަބްދުއްލައި ބިލިޓީއެވެ. 

އެއް ލަނޑުގެ ލީޑެއްގައި އޮވެ ނިއު ރޭޑިއަންޓުން ދެވަނަ ހާފު ފެށިއިރު މި ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ، ރަނގަޅު ގިނަ ޙަމަލާތަކެއް އުފެއްދީ އޮޑި ސްޕޯޓްސްއެވެ. ޚާއްޞަ ގޮތެއްގައި މި ހާފުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އޮޑި ސްޕޯޓްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމުގައި މުޒްދާން ޙަސަންގެ ދައުރުބޮޑެވެ. އޭނާ ނިއު ރޭޑިއަންޓުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އޮޑި ސްޕޯޓްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ގޯލު ވަނީ އަޙްމަދު އިނާންގެ ފައިގައި ޖެހިފައި ބައިކޮޅަށެވެ.

މެޗުގެ ފަހުކޮޅު ދެ ޓީމުން ވެސް ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އޮޑީގެ ލަނޑަށްފަހު މުޖްދާން ވަނީ އިތުރު ފުރުސަތެއްގައި އޭރިއާ ތެރެއަށް ވަދެ ގޯލާ ދިމާލަށް ރަނގަޅު ބޯޅައެއް ފޮނުވާލާފައެވެ. ކައިރި ކަނަށް އަމާޒުކުރި މި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ ނިއުގެ ގޯލްކީޕަރު ފައިސަލްއެވެ.

އޭގެ ފަހުން ނިއު ރޭޑިއަންޓުގެ ބިދޭސީ ފޯވާޑް، އަލްހާޖީ ގެރޯގެ ނުރައްކާތެރި ހަމަލާއެއް އޮޑި ސްޕޯޓްސްގެ ގޯލްކީޕަރު، މުޙައްމަދު ޝަފީއު ވެސް ވަނީ ދިފާއުކޮށްފައެވެ.

ނިއު ރޭޑިއަންޓަކީ ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. އަދި މިއީ އޮޑި ސްޕޯޓްސް މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މި ދެ ޓީމުގެ އިތުރުން މި ގްރޫޕްގައި ދެން ހިމެނެނީ ކްލަބް އީގަލްސްއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450