ޚަބަރު
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަޙައްދުގައި ތާރުއަޅާ ނިންމާލައިފި
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި / ފޮޓޯ: ޕީއެސްއެމް
މާލޭ ސިޓީގެ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަޙައްދުގައި ތާރުއަޅާ ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަސައްކަތުގެ ތެރެއިން، ދެވަނަ ފިޔަވަހީގެ ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އަންގާރަދުވަހުގެ ރެއެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ފެށޭ ހިސާބެވެ. މިއީ ދިގުމިނުގައި 260 މީޓަރު ހުންނަ ސަރަޙައްދެކެވެ.
މި ފިޔަވަހީގައި ދެން ކުރިއަށްދާނީ މަގުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތެވެ. އަދި ޔުޓިލިޓީ ނެޓްވޯކްގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.
މި މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު އާންމު ދަތުރުފަތުރަށް ހުޅުވާލާން ނިންމާފައި ވަނީ މިއަންނަ ހަފްތާގެ ތެރޭގައެވެ.
ބާޒާރުމަތީ ސަރަޙައްދުގެ މަގެ ހެދުމުގެ މަސައްކަތްތައް ފެށީ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ. ކުރިއަށް މި އޮތް ރަމަޟާން މަހުގެ ކުރިން ބާޒާރު މަތީ ސަރަޙައްދުގެ މަގު، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެފުޅެކެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި ބޮޑެތި ބަދަލުތަކެއް އެ ސަރަޙައްދަށް އަންނާނެއެވެ. އެގޮތުން މަގުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެއެވެ. އެއީ ބަނދަރުގެ އެއްގަމު ތޮށި ގާތްގަނޑަކަށް 6 މީޓަރަށް ބޭރަށް ޖައްސާ، މަގުގެ ފުޅާމިން 14 މީޓަރަށް އިތުރުކޮށްފައިވުމުން، އުޅަނދުތައް ދުއްވުމަށް ލިބޭ ޖާގަ ބޮޑުވުމުންނެވެ. އެހެންކަމުން މަގު ތަރައްޤީކޮށްފަވަނީ 4 ލޭނަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި ހިމެނޭ 140 މީޓަރުގެ މަސައްކަތް ނިންމާލާ، އެ ސަރަޙައްދު ބޭނުންކުރަން ހުޅުވާލީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.