ޚަބަރު
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ސަން
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 303,488 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 288,798 ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ލިބެމުންދާއިރު، މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއް ދުވަހެއްގެ ތެރޭގައި 10,462 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ: ޗައިނާ (39,132 ފަތުރުވެރިން)، ރަޝިއާ (36,565 ފަތުރުވެރިން)، އިޓަލީވިލާތް (30,656 ފަތުރުވެރިން)، އިނގިރޭސިވިލާތް (27,864 ފަތުރުވެރިން) އަދި ޖަރުމަނުވިލާތް (18,630 ފަތުރުވެރިން) އެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އެއީ 299,764 ފަތުރުވެރިންނެވެ. މީގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށް 1,012 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ފެބުރުވަރީ މަހު އެވްރެޖްކޮށް ދުވާލަކު 8,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަކަމަށް ފާހަގަކުރެވެއެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1,275 ތަނެއް އޮޕަރޭޓްކުރަމުންދާއިރު، މީގެ ތެރޭގައި ޖުމްލަ 67,009 އެނދު ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 2.2 މިލިޔަން ފަތުރުވެރިންނެވެ.