Ads by Stelco

ޚަބަރު

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށައަޅައިފި

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ފެބްރުއަރީ 2026، 11:47

11 ފެބްރުއަރީ 2026، 11:47

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާގެ އެކި މަންސަތައް ބޭނުންކުރުން މަނާކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައިވަނީ އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) މެދުވެރިކޮށް އިއްޔެގެ ވަގުތެއްގައެވެ.

މި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މީސް މީޑިއާގެ އެކި މަންސަތައް ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ގިނަ ވަގުތު ކުދިން ކުރާ ކަންކަން ބެލުމަށް ބެލެނިވެރިންނަށް ދަތިތަކާ ކުރިމަތިވާކަން ވެސް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.

ޕެޓިޝަން ހުށަހެޅި ފަރާތުން ބުނެފައިވަނީ ޔޫޓިއުބް، ޓިކްޓޮކް ފަދަ މަންސަތަކުން ކުޑަކުދިންނަށް ނޭދެވޭ ފާހިޝް ބަސްތަކާއި އަމަލުތައް ދަސްވަމުންދާ ކަމަށެވެ. މީގެ ސަބަބުން ކުދިންގެ އަހުލާގަށާއި ތޮބީއަތަށް ނޭދެވޭ ބަދަލުތަކެއް އަންނާތީ، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރަން ޖެހޭ ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.

މި ޕެޓިޝަންގައި އެދިފައިވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ފޭސްބުކް، އެކްސް (ޓްވިޓާ)، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް ނުވަދެވޭނޭހެން ގާނޫނުތައް އިސްލާހު ކުރުމަށެވެ. އަދި މި ގަވާއިދާ ހިލާފުވާ ކުދިންގެ ބެލެނިވެރިންނަށް ކައުންސެލިން ދިނުމަށާއި، ތަކުރާރުވާ ނަމަ ޖެންޑާ މިނިސްޓްރީއަށް ހާއްސަ ބާރުތަކެއް ދީގެން މައްސަލަ ބެލޭނެ ނިޒާމެއް ގާއިމްކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ސްކޫލްތަކާއި ކޮލެޖުތަކަށް މޯބައިލް ފޯނު ވެއްދުން މަނާކުރާ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފެށުމަށް ވެސް ޕެޓިޝަންގައި ގޮވާލާފައިވެއެވެ. މި ޕެޓިޝަނަށް ސޮއިކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މިހާތަނަށް 16 މީހަކު ވަނީ މި ޕެޓިޝަންގައި ސޮއިކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450