Ads by Stelco

ޚަބަރު

ޅ. އަތޮޅުގައި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ

ޅ. އަތޮޅުގައި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ

ޙާފިޘުން ދަސްވެނިވުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ފެބްރުއަރީ 2026، 03:41

11 ފެބްރުއަރީ 2026، 03:41

ޅ. އަތޮޅުގައި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހު އޮންނަ ޙާފިޒުން ދަސްވެނިވުމުގެ ޙަފްލާގެ އެންމެހައި ކަންކަން ފުރިހަމަ ކުރެވިފައިވާކަން ހާމަކުރައްވާ މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ، މިއަހަރަކީ ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޒުން ދަސްވެނިވާ އަހަރު ކަމަށެވެ. އެގޮތުން، މިއަހަރު އަލަށް 31 ޙާފިޒުން ދަސްވެނިވާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ،  ރާއްޖޭގައި ހަދާ ޙާފިޒުކަމުގެ އިމްތިހާނަކީ ވަރަށް އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދެވޭ އިމްތިޙާނެއް ކަމަށެވެ. ހަމަ އެހެންމެ، ޙާފިޒުން އިމްތިހާން ކުރާ ކޮމިޓީތަކުގައި މެންބަރުންނަށް ތިއްބަވަނީ ތަޖުރިބާކާރު ޙާފިޒުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދަރިވަރުގެ އިމްތިޙާން ކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލާ ވަޒީރު ވިދާޅުވީ، ކޮންމެ ދުވަހަކު މަދުވެގެން 1 ފޮތް ހިތުން ކިޔައިދީ މުޅި ޤުރުއާން އެއްކޮށް ހިތުން ކިޔައިދީ ނިންމަންޖެހޭ ކަމަށެވެ. ނަމަވެސް، ބައެއް ދަރިވަރުން ދުވާލަކު 2 ފޮތް ވެސް ކިޔައިދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، ކިޔައިދޭ މިންވަރު ދަރިވަރުގެ ޙާލަތަށް ބަލައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާ ކަމަށާއި، މިވަގުތު މާލެގެ 2 މަރުކަޒެއްގައި އިމްތިހާން ކޮމިޓީ ކަނޑައެޅިފައި އޮންނަކަމށް ވަޒީރު ވިދާޅުވިއެވެ. އެއީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއެވެ.

ހަމަ އެއާއެކު، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ވެސް ކޮމިޓީއެއް ކަނޑައެޅިފައި އޮންނަކަން ފާހަގަކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ، ޅ .އަތޮޅުގައި ވެސް ކޮމިޓީއެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ޅ. އަތޮޅުގައި މިފަދަ ކޮމެޓީއެއް އެކުލަވާލަން ނިންމީ، މިހާރު ކޮމިޓީތައް އެކުލެވިފައިވާ ސަރަހައްދު ފިޔަވައި ދެން އެންމެ ގިނައިން ޙާފިޒުން އުފެދެމުން އަންނަނީ ނައިފަރުގައި ކަމަށްވާތީކަމަށް ވަޒީރު  ވިދާޅުވިއެވެ. އަދި މިއީ ދަރިވަރުން އިމްތިޙާނަށް މާލެ އައިސް ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަށް ލުޔެއް ހޯދައި ދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މި އަހަރު ޅ. އަތޮޅުގައި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް ޢައްޔަންކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ޙާފިޒުންގެ އަދަދު އިތުރު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާއިރު، ޙާފިޒުން އުފެއްދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450