Ads by Stelco

ޚަބަރު

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ކެޓަގަރީއަށް މާރިޗު މަހު ހުޅުވާލަނީ

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ކެޓަގަރީއަށް މާރިޗު މަހު ހުޅުވާލަނީ

ވަޒީރު މުއްޠަލިބް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ފެބްރުއަރީ 2026، 03:42

11 ފެބްރުއަރީ 2026، 03:42

ސަރުކާރުން އަލަށް ތަޢާރަފްކުރި ބޯހިޔާވަހިކަމުގެ ދެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އަންނަ މާރިޗު މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މި ކެޓަގަރީތަކުގެ އުސޫލުތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނުވަތަ ރޯދަ މަހުގެ ކުރިން އިޢުލާނުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ބިންވެރިކަން ނެތް އާއިލާތަކަށް އެ ފުރުޞަތު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށެވެ. މިގޮތުން އަލަށް އިތުރުކުރި ކެޓަގަރީތަކުގެ ތެރޭގައި އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އަމިއްލަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ކެޓަގަރީއެއް ހިމެނެއެވެ. މީގެ އިތުރުން "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން އެ ބިން ދޫކޮށްލާގޮތަށް ވަކިން ހުށަހެޅޭނެ ކެޓަގަރީއެއްވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުން، މި ދެ ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކުން 1000 ގޯއްޗަށް ހުޅުވާލާނެއެވެ. ވަޒީރު މުއްޠަލިބް ވިދާޅުވީ، މި ކެޓަގަރީތަކާ ގުޅޭ އުސޫލުގައި ހިމަނާނެ ޝަރުޠުތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅައި، އުސޫލު ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ހުށަހެޅުމުގެ ފުރުޞަތު ދިނުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެއީ އާއިލީ އަދި އިޖުތިމާޢީ މައްސަލަތައް ކުޑަކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ. "އޭރު ބުނެފައިވަނީ ޖޮއިންޓްކޮށް ލީމައޭ ފުރުޞަތު ބޮޑީ ގޯތި ލިބުމުގެ. ނަމަވެސް އިޖުތިމާޢީ ހަމަޖެހުމަށް ބަލައި، ކޮންމެ އާއިލާއަކަށްވެސް ވަކިން ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ހޯދައިދިނުން މި ކެޓަގަރީގެ ބޭނުމަކީ،" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ސްކީމްގެ ދަށުން މިހާރު ހުޅުވާލާފައިވާ ފުރުޞަތުތަކުގައި ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450