ދުނިޔެ
މާދަމާ ސަޢުދީގެ ހުރިހާ ހިސާބެއްގައި އިސްތިސްޤާ ނަމާދު ކުރުމަށް ސަޢުދީ ރަސްގެފާނު އަމުރުކުރައްވައިފި
ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު
ސަޢުދީ ޢަރަބިއްޔާއަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން، ވާރޭ ފެނަށް އެދި ކުރާ އިސްތިސްޤާ ނަމާދު މި އަންނަ ބުރާސްފަތި ދުވަހު އެ ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ކުރުމަށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު ގޮވާލައްވައިފިއެވެ.
ސަޢުދީ ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހިޖުރީ ގޮތުން 24 ޝައުބާން 1447 (12 ފެބްރުއަރީ 2026) ވާ ބުރާސްފަތި ދުވަހު ކަމަށެވެ. މިއީ ކީރިތި ރަސޫލާ މުހައްމަދު ﷺ ގެ ސުންނަތާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ނަމާދެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރޯޔަލް ކޯޓުގެ ބަޔާނުގައި، އެންމެހާ ރައްޔިތުން ތައުބާވެ، ފާފަ ފުއްސެވުމަށް އެދި ދުއާކުރުމަށާއި، މާތްﷲ ގެ މަގަށް އެނބުރި ރުޖޫއަވުމަށް ބާރުއަޅާފައިވެއެވެ. އަދި ގިނަގިނައިން ސަދަޤާތް ދިނުމާއި، ޛިކުރު ކުރުމާއި، ނަފްލު ނަމާދުތައް އިތުރުކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، އުނދަގުލެއްގައިވާ މީހުންނަށް އެހީތެރިވެ، އޯގާތެރިކަން އިސްކުރުމަކީ މާތްﷲ ގެ ރަހުމަތް ލިބުމަށް އޮތް މަގެއް ކަމަށް ބަޔާނުގައިވެއެވެ. ކުޅަދާނަކަން ލިބިގެންވާ ހުރިހާ އެންމެން މި ނަމާދުގައި ބައިވެރިވުމަށް ރަސްގެފާނު ވަނީ ބާރުއަޅުއްވާފައެވެ.
ބަޔާން ނިންމާލަމުން، މާތްﷲ އެ ޤައުމަށާއި ރައްޔިތުންނަށް ރަހުމަތްލައްވައި، ކުރާ ދުއާ އިޖާބަކުރައްވައި، ބޭނުންވެފައިވާ ފެނުގެ ނިއުމަތް މިންވަރުކޮށްދެއްވުމަށް އެދި ދުއާކޮށްފައިވެއެވެ.