Ads by Stelco

ޚަބަރު

އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމުގެ 4 ވަނަ ސެޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވައިފި

އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމުގެ 4 ވަނަ ސެޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވައިފި

ސެޝަންގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ފެބްރުއަރީ 2026، 07:36

11 ފެބްރުއަރީ 2026، 07:36

ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ އިސް މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025- 2027" ގެ 4 ވަނަ ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވަވައިފއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި މި ސެޝަނަކީ، ބަަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވެވި ދަރުހެކެވެ. މި ދަރުހުގައި، ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި މުއައްސަސާތަކުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

މިއަދުގެ ދަރުހުގައި ވާހަކަފުޅު ދެއްކެވީ، "އަންނާށޭ" މި މައުޟޫޢަށް، އައްޝައިޚް ޑޮކްޓަރ އިލްޔާސް ޙުސައިނެވެ. މި ދަރުހުގައި، މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް އަލި އަޅުއްވާލައްވާފައިވާއިރު، އޭގެ ތެރޭގައި ރަމަޟާންމަހުގެ މާތްކަމާއި، މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާ ކުރުމުގެ މުހިންމު ކަމާއި، ރަމަޟާންމަހުގެ ބޭނުން އެންމެފުރިހަމަ ގޮތުގައި ހިފުމާއި، އަދި ރަމަޟާން މަސް އައުމުން އުޅުމާއި ގުޅުންތައް ބަދަލު ކުރުމުގެ މުހިންމުކަން ހިމެނެއެވެ.

މީގެ އިތުރުން މި ދަރުހުގައި ވަނީ، ރަމަޟާން މަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، އިންސާނުންގެ މައްޗަށް ޢާންމު ކުރައްވާފައިވާ ރަޙްމަތާއި، މަޣްފިރަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރޯދަ ފަރުޟުކުރެއްވުމުގެ ބޭނުން ކަމަށްވާ، ތަޤުވާވެރިވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ދަރުހުގައި އަލިއަޅުއްވާލާފައިވާއިރު، ރޯދައިގެ އެންމެ ފުރިހަމަ ސަވާބު ޙާސިލު ކުރުމަށްޓަކައި، މުޅި ހަށިގަނޑުން ރޯދަ ހިފަން ޖެހޭނެ ކަމަށްވެސް ޑރ. އިލްޔާސް ވިދާޅުވިއެވެ. އަދި ރޯދަމަހަކީ ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ، ގިނަގިނައިން ޤުރްއާން ކިޔެވުމާ ރޭއަޅުކަމުގައި ވަގުތު ހޭދަކުރުމަށް ނަޞޭޙަތްތެރިވިއެވެ.

ހަމަ އެއާއެކު، މި ދަރުސް ނިންމަވާލައްވަމުން ޝައިޚް އިލްޔާސް ވަނީ، ޢަމަލުތައް ﷲ ޤަބޫލު ކުރެއްވުމަށްޓަކައި، ތިމާކުރާ ޢަމަލުތަކުގައި،ތެދުވެރިކަމާ، އަމާނާތްތެރިކަމާ، އިޚްލާސްތެރިކަން ހިމެނުމަކީ، ކޮންމެހެންވެސް ލާޒިމު ކަމެއްކަމުގައި ވިދާޅުވެފައެވެ. ހަމަ އެފަދައިން ރަމަޟާންމަހުގައި، އިޚްލާސްތެރި ކަމާއެކު ހެޔޮ ޢަމަލުތައް ކޮށްފިނަމަ، އަހަރުގެ ބާކީ އަނެއް 11 މަސްދުވަހު، ތިމާގެ ޢަމަލުތައް އިސްލާޙް ވާނެ ކަމުގައި ޝައިޚް އިލްޔާސް ވިދާޅުވިއެވެ. އަދި މި ދަރުސަށްފަހު، ޝައިޚް އިލްޔާސަށް ހަނދާނީ ލިޔުމެއް އަރުވާފައިވާއިރު، މި ލިޔުން ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފެވެ.

ދައުލަތުގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީސް (ޕީ.އޭ.އޯ) ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް (ޕީ.އޭ.ޕީ.އެމް) ޔުނިޓްގެ އިސްނެންގެވުމުގެ މަތިން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައްް ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450