ޚަބަރު
ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ވަޒީރު އިޙްސާން
ވަޒީރު، ކަރެކްޝަންސްގެ އިސްވެރިންނާއެކު/ފޮޓޯ: ވުޒާރާ
މާފުށީ ޖަލަށް ގެނައި ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި، ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު ވާނީ މާފުށީ ޖަލަށް ގެންދެވިފައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން އިޢުލާން ކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި، މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި މި ސްކޭނަރުގެ ބޭނުންކުރަން ފެށުމާއެކު ޖަލަށް ވައްދަން ނުޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް ނުވެއްދޭނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ހަމަ އެއާއެކު، މީގެ ސަބަބުން ޖަލުން ސްކޭމް ކޯލް ކުރުމާއި، މި ބާވަތުގެ އެހެނިހެން ކަންކަން ހުއްޓުމަކަށް ގެނެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ޖަލަށް ދިމާވެފައިވާ މައްސަލަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޖަލު ތޮއްޖެހުމާއި ގައިދީންނަށް ރީހެބިލިޓޭޝަން ފަރުވާ ރަނގަޅަށް ހިންގުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ހަމަ އެހެންމެ، މިހާރު އޮތް ހާލަތަކީ ވަރަށް 'ކޮންޑިއުސިވް' މާޙައުލެއް ކަމަށާއި، އޭގެ ތެރެއިން އިތުރު ކްރައިމް އައުމަށް މަގުފަހިވާކަމަށާއި، ސްކޭމް ކުރުމުގެ ފުރުޞަތުވެސް ލިބިގެން އައީ އެ ޙާލަތުގެ ސަބަބުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ޖަލުގެ ސަލާމަތާއި ރައްކާތެރިކަން، ޖަލަށް ވަދެ ނިކުމެ ހަދާ ހެދުމުގަ ބެލެހެއްޓެން ޖެހޭ ވަރަށް ނުބެލެހެއްޓުން. ނުބެލެހެއްޓިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ އެންމެ އެކަށޭނަ ވަޞީލަތްތައް ނެތުން. ޖަލުތަކުގަ ތިބި އޮފިސަރުންނަކީވެސް ހަމަ އިންސާނުން. ބައެއް ކުދިން އަތުން ގޯސްތައްވެސް ހެދިފަ އެބަހުރި. ސްކޭމް މައްސަލަތައްވެސް އިތުރުވާތީ ކުރި ދިރާސާއެއްގަ ނަތީޖާއަކަށްވީ ބޮޑީ ސްކޭނަރެއް ހުރެގެން ޖަލަށް އެއްވެސް އެއްޗެއް ނުވެއްދޭނެ ކަމުގެ ޔަޤީންކަން ނިޒާމެއްގެ ތެރެއިން އައުމާއެކީގަ ކަންކަން ރަނގަޅުވާނެ.
ވަޒީރު ވިދާޅުވިއެވެ
މީގެ އިތުރުން، ކުށްކޮށްގެން ޖަލަށް ޙުކުމްކުރާ ފަރާތްތައް ޖަލުގައި ބަންދުކޮށްފައި ތިބޭއިރު، އިންސާނީ ކަރާމާތާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އިންތިޒާމުތައް ހުރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ބަލާއިރު، 17 ނޮވެންބަރު 2023 ގައި ދިވެހިރާއްޖޭގައި ހުރި ޖަލުތަކުގެ ގިނަ ގޮޅިތަކުގައި ކުށްވެރިން އުޅެމުންދިޔައީ ކަރަންޓުގެ ޚިދުމަތްނެތިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ހުރިހާ ޖަލުތަކެއްގެ ގޮޅިތަކަށް މިހާރު ވާނީ ކަރަންޓް ފޯރުކޮށްދީފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޖަލަކީ ހަމައެކަނި އަދަބު ދިނުމަށް ގެންދެވޭ ތަނަކަށް ވުމުގެ ބަދަލުގައި، އެ ތަނަކީ ޙުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ހެދުމަށް އިސްލާޙީ ރީހެބިލިޓޭޝަންގެ ފުރުޞަތު ދެވޭ ތަނަކަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް ކަމަށެވެ. މިގޮތުން، ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ޤަވާއިދުން ބައިވެރިވެ، ވަކި މިންގަނޑެއްގައި އަޚްލާޤު ހިފެހެއްޓުމުން، ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލު ޙުކުމުން އިތުރު ދުވަހެއް ކެނޑޭގޮތަށް މިހާރު ސިޔާސަތު ބަދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.