Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީގައި ތަޤުރީރުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީގައި ތަޤުރީރުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީގައި ތަޤުރީރު ކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

12 ފެބްރުއަރީ 2026، 06:54

12 ފެބްރުއަރީ 2026، 06:54

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިިއްޒު، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި ތަޤުރީރުކުރައްވައިފިއެވެ.

ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވީ، އެ މަނިކުފާނު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

އެ މަނިކުފާނަށް ޔުނިވަރސިޓީއިން މަރުޚަބާ ވިދާޅުވީ، ވައިސް ޕްރޮވުސްޓް، ޑޮކްޓަރ ޔޯއާން ވިލައިން އާއި އެ ޔުނިވަރސިޓީގެ ހެޑް އޮފް ދަ ޑިވިޜަން އޮފް އެގްރިކަލްޗަރަލް އިކޮލޮޖީ، ޕްރޮފެސަރ ޑޮކްޓަރ މަސޭލް ރޯބީޝޮންއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެ ޔުނިވަރސިޓީގައި ދެއްވި ތަޤުރީރުގައި ވަނީ ކަންކަން ނިންމުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ، އިންސާފުވެރި ނަތީޖާއެއް ނެރުމަށް ގޮވާލައްވާފައެވެ.

ރައީސުލްުމްހޫރިއްޔާގެ މި ތަޤުރީރުގައި ވަނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅުންހުރި ބޮޑެތި ކަންބޮޑުވުންތަކަށް ވަރަށް ފުޅާދާއިރާއެއްގައި އަލިއަޅުވާލާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު، ދުނިޔޭގެ ނިސްބަތުން މަދު ގައުމަކަށް ވީނަމަވެސް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ޤައުމު ކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނި، އެކަމަށް އަހުލުވެރިވުމަކީ ދިވެހިރާއްޖެއަށް އިޚުތިޔާރީ ކަމެއް ނޫން ކަމަށާއި، ނަމަވެސް، އެއީ ޤައުމުގެ ދެމިއޮތުމާއި، ސަގާފަތާއި އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، މޫސުމީ ސައެންސްގެ އިލްމުގެ އަލީގައި، ޤައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި މޫސުމީ ނުރައްކާތައް ހިމެނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކަށް ހޭނި، އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުން އިތުރުކުރުމަށާއި، ލޯކަލް ގަވަރނަންސްގެ ގާބިލުކަން އިތުރުކޮށްގެން، އެ މަސައްކަތްތަކަކީ މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ، އަދި ރައްޔިތުން އިސްވެ ތިބެ ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ ޤައުމުތަކަށް އެޑަޕްޓޭޝަން ފައިނޭންސިންގް ލިބުމަކީ، މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖެ ފަދަ ޤައުމުތަކަށް ދުރާލާ ކަށަވަރުކުރެވޭ، އެކަށީގެންވާ، އަދި ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް އެމަނިކުފާނު ބާރުއަޅުއްވާފައިވެއެވެ.

އަދި މޫސުމާ ގުޅިގެން މިހާތަނަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައި އެ މަނިކުފާނު ވިދާޅުވީ، މި މަސައްކަތް ލަސްކުރުމަކީ، މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެކަމެއްކަމުގައެވެ. 

އަދި މުޖުތަމަޢުތަކަކީ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރާ ބައެއް ކަމަށާއި، ފަރުތަކާއި، ކަނޑޫފާތަކާއި ގުދުރަތީ އެހެނިހެން ވަސީލަތްތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. މީގެ އިތުރުން، މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތްތަކާއި ޤައުމީ ތަރައްޤިއަކީ އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަންތައްކަމުގައިވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ސައިންސްގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީ ފަދަ މުއައްސަސާތަކަކީ ސައިންސާއި ސިޔާސަތުތައް އެކައްޗެއްގެ ގޮތުގައި އެކުލަވާލުމުގައި، ނާޒުކު ހާލަތްތަކުގައި ތިބި މީހުންގެ އަޑު އުފުލައިދިނުމުގައާއި، މުސްތަގުބަލުގެ މާހިރުންނާއި ލީޑަރުން ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މޫސުމީ ގޮތުން އަންނަ ނޭދެވޭ ބަދަލުތަކަކީ ވަކި ބޯޑަރެއް ނެތް، ނުވަތަ ވަކި ސަރަހައްދީ އިމަކަށް ބެލުމެއް ނެތް ކަމަކަށް ވާއިރު، އެކަމާ ކުރިމަތިލުމަށް ބޭނުންވަނީ ހުރަސްތަކެއް ނެތް، ޢިލްމީ މަސައްކަތްތަކެއް ކަމަށާއި، ގައުމީ ފެންވަރުގެ ހަނި މަސްލަހަތުތަކާއި ކުރު މުއްދަތުގެ ފައިދާއަށްވުރެ ބޮޑަށް، ދުރު މުސްތަޤުބަލަށް އަމާޒުކުރާ ހައްލުތަކަކަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރަށްފަހު އެ މަނިކުފާނު ވަނީ އެ ސެޝަންފައި ބައިވެރިވި ބޭފުޅުންގެ ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450