ޚަބަރު
ރޯދައިގެ ކުރިން ފުވައްމުލަކުގައި އިތުރު އިންޖީނެއް އިންސްޓޯލް ކުރުމަށް މަސައްކަތް ފަށައިފި
ފުވައްމުލައް ސިޓީ---
ފަރުދުން
12 ފެބްރުއަރީ 2026، 10:39
12 ފެބްރުއަރީ 2026، 10:39
މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ފުވައްމުލަކުގައި އިތުރު އިންޖީނެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނެކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)އިން ފަށައިފިއެވެ.
ފެނަކައިން ހާމަކުރާ ގޮތުގައި، މިއީ އާބާދީ ބޮޑު ފުވައްމުލަކު ސިޓީގައި ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތެކެވެ.
ފުވައްމުލައް ސިޓީގައި 4،036 ގޭބިސީ ހުންނައިރު، އެ ރަށުގެ އާބާދީ 13،000އަށް ވުރެ މައްޗަށް އަރައެވެ. އަދި ޚާއްޞަކޮށް ރޯދަ މަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ދުވަސްވަރަކަށް ވުމުން، މިއީ އެ ރަށުގެ ކަރަންޓުގެ ވިއުގަ ފުރިަހަމަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ފެނަކައިން ދެކެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ އިންޖީނިއަރ އަޙްމަދު ރަފީޤް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތަކީ ރަމަޟާންމަސް އައުމުގެ ކުރިން އިތުރު އިންޖީނެއް އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. މިއީ 1.2 މެގަ ވޯޓްގެ އިންޖީނެކެވެ. އެހެންކަމުން އިންޖީނު ގެނެސް ބެހެއްޓުމަށް ބޭނުންވާ ތަން އިމާރާތްކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
މި އިންޖީނާއެކު، 6 މެގަވޮޓުން 6.5 މެގަވޮޓަށް ކަރަންޓު ކެޕޭސިޓީ އިތުރުވާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަނުން ފުވައްމުލައް ސިޓީގައި މިވަގުތު ޚިދުމަތް ދެމުން އަންނަނީ 9 އިންޖީނު ބޭނުންކޮށްގެންނެވެ. މި ހުރިހައި އިންޖީނަކާއެކު ކަރަންޓް ކެޕޭސިޓީ 8 މެގަ ވޯޓަށް އަރައެވެ.