ޚަބަރު
ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފި
މޯލްޑިވިއަންގެ ސީޕްލޭނެއް---
އއ. ތޮއްޑޫއަށް މޯލްޑިވިއަން އެއާރލައިންސްގެ ސީޕްލޭންގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
މި ޚިދުމަތް ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ވަޒީރު ވިދާޅުވީ، ތޮއްޑޫއަކީ ޒަމާނުއްސުރެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ރަށެއް ކަމަށާއި، އެ ރަށުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އެހެން ހިސާބުތަކަށް ފޯރުކޮށްދިނުމުގައިވެސް މި ދާއިރާއިން ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މިހާރު އެ ރަށުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ދަތުރުފަތުރުގެ ހިރާސްތައް ނައްތާލައިގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތޮއްޑޫ ރައްޔިތުންގެ އެދިލެއްވުމުގެ މަތިންނާއި، އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ މުހިންމު ސިޔާސަތެއްގެ ދަށުން ފެއްޓެވި ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ތޮއްޑޫގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އައު މަގުތަކެއް ކަށަވަރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މޯލްޑިވިއަނުން ތޮއްޑޫއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު ދެ ދުވަހުއެވެ. އެއީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރެއްގައެވެ. މި ދަތުރުތަކަށް ޓިކެޓު ވިއްކަނީ 799 ރުފިޔާއަށެވެ.
މިދިޔަ ޖެނުއަރީ މަހު މޯލްޑިވިއަނުން ވަނީ ނ. ވެލިދޫއަށް ވެސް ސީޕްލޭން ދަތުރުތައް ފަށާފައެވެ. މީގެ އިތުރުން ބ އަތޮޅުގެ ގިނަ ރަށްރަށަށް ވެސް މޯލްޑިވިއަނުން އަންނަނީ މި ޚިދުމަތް ދެމުންނެވެ. އެގޮތުން އެ އަތޮޅު ފުޅަދޫ، ގޮއިދޫ، ފެހެންދޫގެ އިތުރުން ކަމަދޫއަށް ވެސް އަންނަނީ ސީޕްލޭންގެ ދަތުރުތައް ބާއްވަމުންނެވެ.