ޚަބަރު
މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑު ކުރުމަށާއި، އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އެޅުމަށް ހަވާލުކޮށްފި
ކ. މާފުށީގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށާއި އެ ރަށުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް މާލެ ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމް.ޑަބްލިއު.އެސް.ސީ) އާއެކު އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ވުޒާރާ
ފަރުދުން
12 ފެބްރުއަރީ 2026، 05:54
12 ފެބްރުއަރީ 2026، 05:54
މާލެ އަތޮޅު މާފުށީގައި ކުރިން އަޅާފައި އޮތް ނަރުދަމާ ނިޒާމު އަޕްގްރޭޑު ކުރުމަށާއި، އެ ރަށުގައި އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އެޅުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ހަވާލުކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެއްކަމުން އެ ރަށުގައި އޮތް ދުވަސްވީ ނަރުދަމާ ބަދަލުކޮށް މިހާރު ދިމާވަމުންދާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މިމަޝްރޫޢު ތާވަލާއެއްގޮތަށް ކުރިއަށްގެންގޮސް މަސައްކަތް ނިންމާލާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ކ. މާފުށީގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށާއި އެ ރަށުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް މާލެ ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމް.ޑަބްލިއު.އެސް.ސީ) އާއެކު އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ވުޒާރާ
މި ރަސްމިއްޔާތުގައި ދާއިރާގެ މަޖިލީސް މެމްބަރު ޙުސެއިން ރިޟާ ވިދާޅުވީ މާފުށީގައި އޮންނަނީ 2004 ގެ ސުނާމީއަށްފަހު އެޅި ނަރުދަމާއެއްކަމަށެވެ. އަދި އެފަހުން ރަށުގައި ގިނަ ޢަދަދެއްގެ ގެސްޓް ހައުސް ތަރައްޤީކުރުމާއެކު އެރަށުގެ ނަރުދަމާ ވަރަށް ބޮޑަށް މައްސަލަޖެހި ހައްލުކުރަންޖެހޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މާފުށީ ހިއްކި ސަރަޙައްދުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 128،605،793.86 (128.6 މިލިއަން) ރުފިޔާއަށް، 571 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ ދަށުން 1500 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރްއޯ ޕްލާންޓް ބަހައްޓާ، 3500 ޓަނުގެ ފެން ރައްކާކުރެވޭވަރުގެ 2 ޓޭންކް ބަހައްޓާ ފެން ގުޅައިދިނުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
މާފުށީގައި އޮތް ނަރުދަމާ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 57،402،888.14 (57.4 މިލިއަން) ރުފިޔާއަށް 571 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ ތެރެއިން ނަރުދަމާ ޕަމްޕިންގ ސްޓޭޝަން ބެހެއްޓުމާއި ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.