ޚަބަރު
ބަންގްލަދޭޝްގެ އާންމު އިންތިޚާބުގައި ނޭޝަނަލިސްޓް ޕާޓީއިން ހޯދި ކާމިޔާބަށް ރައީސް މަރުޙަބާ ދަންނަވައިފި
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ކާމިޔާބީއާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ތާރިޤް ރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމާ ގުޅިގެން މަރުޙަބާ ދަންނަވާފައިވަނީ މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި ބީއެންޕީން ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއަށް ތާރިޤް ރަޙްމާނަށާއި އެ ޕާޓީއަށް ހޫނު މަރުޙަބާއެއް ވަނީ ރައްދުކުރައްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، ބަންގްލަދޭޝްގެ އާ ސަރުކާރާއެކު ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
Congratulations @trahmanbnp on Bangladesh Nationalist Party’s remarkable victory in the 13th National Parliamentary Elections held in Bangladesh. I extend my warm regards and look forward to working closely together, to further advance and deepen the longstanding friendship and…
— Dr Mohamed Muizzu (@MMuizzu) February 13, 2026
ބަންގްލަދޭޝްއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. ޚާއްޞަކޮށް ތަޢުލީމީ، ޞިއްޙީ އަދި މަސައްކަތްތެރިންގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ބޮޑު އެއްބާރުލުމެއް އޮވެއެވެ. ބަންގްލަދޭޝްގެ އާންމު އިންތިޚާބުގެ ކާމިޔާބީއަށް ރައީސް މަރުޙަބާ ވިދާޅުވިއިރު، މިއީ އެ ޤައުމުގެ ސިޔާސީ މަޝްރަޙަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.