ޚަބަރު
މާރުކޭޓް ސަރަހައްދުގެ މަގުހެދުން: މަސައްކަތް ނިންމާ ރޯދަކުރިން މަގު ބޭނުންކުރަން ފަށަނީ
ބޮޑުތަކުރުފާނުމަގު މާރުކޭޓް ސަރަހައްދު ތަރައްޤީކުރުން. ފޮޓޯ: އެމްޓީސ|ީސީ
މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ރަމަޟާންމަހުގެ ކުރިން އެ މަގު އާންމުންނަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މިހާރު ކުރިއަށްދާ ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތެވެ.
މިއަހަރުގެ ރަމަޟާން މަސް މިމަހުގެ 18 ވަނަ ދުވަހު ފެށޭއިރު، އެމްޓީސީސީން ވިދާޅުވީ ރޯދަ މަހުގެ ކުރިން ބާޒާރުމަތީ މަގު ހެދުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި މަގު ބައްތި ޖެހުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
އެމްޓީސީސީން ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ފެށިއިރުވެސް އެންމެ ބޮޑު އަމާޒަކީ ބާޒާރުމަތީ ސަރަހައްދަކީ ރަމަޟާންމަހު އެންމެ ބާރުބޮޑުވާ ސަރަހައްދަށް ވާތީ، އެ މުއްދަތުގެ ކުރިން މަސައްކަތް ނިންމައި އާންމުންނަށް ފަސޭހަކޮށްދިނުމެވެ. މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ފަޅުތެރެއިން ބައެއް ހިއްކައިގެން މަގަށް ވަނީ 6 މީޓަރުގެ ސަރަހައްދެއް އިތުރުކޮށް، މަގު ފުޅާކޮށްފައެވެ.
މި މަޝްރޫޢު ނިމުމާއެކު، ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރުކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގަކަށް ވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.