ޚަބަރު
ހުޅުމާލޭގައި 5000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓް ބޭނުން ކުރަން ފަށައިފި
ހުޅުމާލޭގައި 5000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓް ބޭނުން ކުރަން ފެށުން. ފޮޓޯ: އެމްޑަބްލިޔުއެސްސީ
ހުޅުމާލޭގައި ގާއިމްކުރި 5,000 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓްގެ މަސައްކަތް ނިންމައި، އެ ބޭނުންކުރަން ފަށައިފިއެވެ.
މިއީ މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެމްޑަބްލިއުއެސްސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއެކެވެ.
މާލެ ސަރަހައްދުގައި ދުވާލަކު 10,000 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ އިމާރާތުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓު މަހު ފަށާފައިވާއިރު، އޭގެ ތެރެއިން 5,000 ޓަނުގެ ފެން އުފައްދާ އެއް ޕްލާންޓް މިދިޔަ އަހަރު ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި މިހާރު މިވަނީ ބާކީ ހުރި 5,000 ޓަނުގެ ޕްލާންޓްވެސް ބޭނުން ކުރަން ފަށާފައެވެ. މި އާ ޕްލާންޓާއެކު، ހާއްސަކޮށް ރަމަޟާން މަހު ފެނުގެ ޑިމާންޑް ބޮޑުވާ ވަގުތުތަކުގައި ދަތިކަމެއް ނެތި ފެން ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތް ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މި ހިދުމަތް ތަރައްގީކުރުމަށް ސަރުކާރުން 300 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާފައިވާ ކަމަށާއި، މިދިޔަ އަހަރު ވަނީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާނގީ ކަމަށްވާ 10,000 ޓަނުގެ ތާނގީގެ މަސައްކަތް ނިންމާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މާލޭގެ ކުރީގެ ކުނިކޮށި ހުރި ސަރަހައްދުގައި 13,000 ޓަނުގެ ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މަތީން ވިދާޅުވީ މި ތާނގީތަކުގެ މަސައްކަތް ނިމުމުން، މިހާރު މާލޭގައި ހުރި އިތުރު ތާނގިތައް އާބަތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ. މި މަސައްކަތް ނިންމުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށް ލަފާކުރެވެނީ ބިންގަނޑު ތައްޔާރުކުރުމަށް މައިކްރޯ ޕައިލްސް ޖަހަންޖެހޭތީއެވެ.
މަތީން އިތުރަށް ވިދާޅުވީ މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ފެން ހޮޅި ބޭނުންކުރަން ފެށުމަކީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ހުޅުމާލެއަށް އިތުރުވާ އާބަދީއާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެ ކުންފުނިން މެދުކެނޑުމެއް ނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.