ދީން
އީމާންވެތިބެ، ދަރުމައަށް އެދޭ ހާލު، ރަމަޟާން މަހަށް އިސްތިޤުބާލުކުރުމަށް ޚުތުބާގައި ގޮވާލައިފި
ރަމަޟާން މަސް
އީމާންވެތިބެ، ދަރުމައަށް އެދޭ ހާލު، ބަރަކާތްތެރި ރަމަޟާން މަހަށް އިސްތިޤުބާލުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. ރަމަޟާން މަހުގެ ކުރިން އަންނަ ފަހު ހުކުރު ހުތުބާ މިއަދު އަލި އަޅުވާލާފައި ވަނީ "ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުހަބާ" މި މައުޟޫއަށެވެ.
ހުތުބާގައި ވިދާޅުވީ، ރޯދައަށް ފުރިހަމައަށް އިސްތިޤުބާލުކުރެވޭނީ، ރޯދައަކީ ކޮބައިކަމާއި، ރޯދައާ ބެހޭ އާންމު ހުކުމްތައް އެނގިގެން ކަމަށެވެ. ޝަރުޢީ ގޮތުން ރޯދައަކީ، އެ ކަމަށް ނިޔަތްގަނެ، ފަޖުރުލީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެން، ކެއުމާއި ބުއިމާއި ރޯދަގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެގެން ހުރުމެވެ. މީގެ އިތުރުން ރޯދަވެރިޔާ އޭނާގެ ދުލާއި، އެހެން ގުނަވަންތައް މުންކަރާތްތަކުން އެއްކިބާ ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.
"ދޮގުހެދުމާއި އުރެދުމުގެ ޢަމަލުތަކަށް އަރައިގަންނަ މީހާ، ނުކައި ނުބޮއި ހުރިކަމުގައި ވިޔަސް، އެތައް އެތައް ސަވާބަކުން އޭނާ މަހުރޫމުވާތީ އޭނާ ކުރާ ރޭއަޅުކަން ވެސް ހަމަ އެފަދަ،" ހުތުބާގައި ވިދާޅުވިއެވެ. އަދި ސާލިހު ސަލަފުން އެ މަހުގެ ބަރަކާތާއި ދަރުމައިގެ ބޮޑުކަމުން، އެ މަހާ ބައްދަލުވުމަށް އެދިވަޑައިގެން ތިއްބަވާ ކަންވެސް ހުތުބާގައި ފާހަގަކުރެއްވިއެވެ.
\nރޯދައިގެ ހުކުމްތަކަށް އަލިއަޅުވާލަމުން ހުތުބާގައި ވިދާޅުވީ، ދަތުރެއްގެ މަތީގައިވާ މީހުންނާއި ބަލިމީހުންނަށް ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ލިބިގެންވާ ކަމަށެވެ. ނަމަވެސް އެފަދަ މީހުން ފަހުން ރޯދަ ގަޟާކުރަން ޖެހޭނެއެވެ. ދާއިމީ ބަލިކަމެއް ތަޙައްމަލުކުރަމުންދާ މީހުންނާއި މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހުން ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމަށް ހުތުބާގައި އިރުޝާދު ދެއްވިއެވެ.
މީގެ އިތުރުން، ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އިންޖެކްޝަން ޖެހުމާއި، ޑަޔަލިސިސް ހެދުމުން ވެސް ރޯދަ ގެއްލޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި ރޯދަ ހިފުމުގެ ސަބަބުން އޭނާއާއި ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ހާލަތްތަކުގައި މާބަނޑުމީހުންނާއި ކިރުމައިންނަށް ރޯދަ ދޫކޮށްލުން ހުއްދަ ކަމަށާއި، އެފަދަ މީހުން ވެސް ދޫކޮށްލި ރޯދަ ފަހުން ގަޟާކުރަން ޖެހޭނެއެވެ.
ހުކުރު ހުތުބާ ނިންމާލަމުން ވަނީ ޝަރުއީ އުޒުރެއް ނެތި ގަސްތުގައި ރޯދަ ދޫކޮށްލުމަކީ ބޮޑުވެގެންވާ ފާފައެއްކަން ހަނދާންކޮށްދީ، ލިބޭ ފުރުސަތުގެ ބޭނުން ހިފާ ހެޔޮ އަމަލުތައް ގިނަކުރުމަށް ބާރުއަޅާފައެވެ.