Ads by PNC

ޚަބަރު

ސްޓެލްކޯގެ އެކަޑަމީން އިތުރު މުވައްޒަފުންތަކެއް ތަމްރީނުކޮށްފި

ސްޓެލްކޯގެ އެކަޑަމީން އިތުރު މުވައްޒަފުންތަކެއް ތަމްރީނުކޮށްފި

ސްޓެލްކޯގެ އެކަޑަމީން އިތުރު މުވައްޒަފުންތަކެއް ތަމްރީނުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ފެބްރުއަރީ 2026، 05:08

13 ފެބްރުއަރީ 2026، 05:08

ސްޓެލްކޯގެ "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ" ގެ ދެވަނަ ބެޗުގައި ހިމެނޭ އެ ކުންފުނީގެ 10 މުވައްޒަފަކު ތަމްރީނު ފުރިހަމަކޮށްފިއެވެ.

މި ތަމްރީނުތަކަކީ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި، މި މަހުގެ 4 އިން 12 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ބެޗުގައި ބައިވެރިވެފައިވަނީ އަތޮޅުތެރޭގެ އެކި އިންޖީނުގެތަކުން ހޮވާލެވުނު 10 މުވައްޒަފުންނެވެ. މި ޕްރޮގްރާމުގެ ތެރެއިން މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް މުވައްޒަފުން އަހުލުވެރިކުރުވާފައިވެއެވެ.

މީގެ އިތުރުން، ކަމިންސް ކޭޓީއޭ 19 އިންޖީނާ ގުޅުންހުރި ފަންނީ މައުލޫމާތާއި އަމަލީ ތަމްރީނުތަކުގެ އިތުރުން، ފަސްޓް އެއިޑާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށްވެސް މި ތަމްރީނުގައި އަލިއަޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ތަމްރީނު ޕްރޮގްރާމާ ގުޅޭގޮތުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، "މި ތަމްރީނު ޕްރޮގްރާމްގެ އެންމެ ބޮޑު ކާމިޔާބީއަކަށްވާނީ، ބައިވެރިން އެނބުރި ރަށަށް ގޮސް، މި ޕްރޮގްރާމުން ލިބިގަތް އިލްމާއި ހުނަރުގެ ބޭނުން ހިފައި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ތަޖުރިބާ ހިއްސާކޮށް، އޭގެ މަންފާ ރަށްރަށަށް ލިބިގެންދިއުން،" ކަމަށެވެ.

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީއަކީ މުޖުތަމައުގައި އިންޖިނިއަރިންގ ދާއިރާއަށް ޝައުގުވެރިކަން އިތުރުކޮށް، އެ ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން ރާއްޖޭގައި ދެވޭ އިންޖިނިއަރިންގ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ގާއިމްކޮށްފައިވާ މަރުކަޒެކެވެ. މި މަރުކަޒަކީ 5 މިލިއަން ރުފިޔާ ހަރަދުކޮށްގެން، ސްޓެލްކޯގެ މުވައްޒަފުންގެ ސައްތަ އިންސައްތަ މަސައްކަތުން ބިނާކޮށްފައިވާ ތަނެކެވެ.

މި މަރުކަޒުގައި ކްލާސްރޫމްތަކާއި، ވޯކްޝޮޕަކާއި، ލެބޯޓްރީއެއްގެ އިތުރުން އެކޮމޮޑޭޝަން ވެސް ހިމެނޭއިރު، އެއްފަހަރާ 50 ކުދިންނަށް ތަމްރީނު ދިނުމުގެ ގާބިލުކަން ލިބިގެންވެއެވެ. އަދި ޗައިނާގެ ދެ ކުންފުންޏަކުން ހަދިޔާކުރި 200,000 އެމެރިކާ ޑޮލަރުގެ ވަސީލަތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް ވެސް މި މަރުކަޒުގައި ވަނީ ގާއިމުކޮށްފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450