ޚަބަރު
ދިވެހިރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޝިއުނީން ފަތްކޮޅުއަރުވައިފި
ވެހިރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޝިއުނީން ފަތްކޮޅުއެރުވުން
ހުލާސާ
ދިވެހިރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޝިއުނީން ރަޝީދު އެޤައުމުގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކަށް ފަތްކޮޅު އަރުއްވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ބޫޓާންގެ ވެރިރަށް ތިމްޕޫގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު، ދިވެހިރާއްޖެއިން ބޫޓާންއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމާ ޝިއުނީން ރަޝީދު ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް ވަނީ މަރުހަބާ އާއި ތަހުނިޔާ ވިދާޅުވެފައެވެ. މިބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބޫޓާންގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ފާހަގަ ކުރެއްވިއެވެ. އަދި ދެ ގައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ޚާއްސަ އިސްކަމެއް ދޭކަންވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަފީރު ޝިއުނީން ވަނީ ބޫޓާންގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ. މިބައްދަލުވުންތަކުގައި، ދިވެހިރާއްޖެ އާއި ބޫޓާންއާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ބޫޓާންގެ މިނިސްޓަރ ފޮރ އިންޑަސްޓްރީ، ކޮމަރސް އެންޑް އެމްޕްލޯއިމަންޓްގެ އަރިހަށްވެސް ސަފީރު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝިއުނީން ރަޝީދު ބޫޓާންގެ ސަފީރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ 26 ފެބްރުއަރީ 2024 ގައެވެ. ދިވެހިރާއްޖެ އާއި ބޫޓާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކޮށްފައިވަނީ 13 ޖުލައި 1984 ގައެވެ.