ޚަބަރު
ޅ. ކުރެންދޫގައި ބިނާކުރި އައު މިސްކިތް 'މަސްޖިދުއް ޞިއްދީޤު' ހުޅުވައިފި
މަސްޖިދުއް ޞިއްދީޤް/ފޮޓޯ: ވުޒާރާ
ޅ. ކުރެންދޫގައި ބިނާކުރި އައު މިސްކިތް 'މަސްޖިދުއް ޞިއްދީޤު' ރަސްމީކޮށް ހުޅުވައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ މަޢްރިބް ނަމާދަށް މި މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުރެންދޫ ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެލައްވާފައެވެ.
ޅ. ކުރެންދޫގައި ބިނާ ކުރި އައު މިސްކިތް 'މަސްޖިދުލް ސިއްދީޤް' ރަސްމީކޮށް ހުޅުވައިފި. 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެޖިންސުގެ ފަރާތްތަކަށް ވަކިން ނަމާދުކުރެވޭ ގޮތަށް، އޭސީ ކުރެވި، ސޯލާ ނިޒާމު ޤާއިމް ކުރެވިފައިވާ މިސްކިތެއް. pic.twitter.com/husSOZVNt2
— Ministry of Islamic Affairs (@MVIaffairs) February 11, 2026
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެއް ކަމަށެވެ. އެގޮތުން، މި މިސްކިތުގެ ހުރިހާ ބައެއްގައި ވެސް އޭސީ ހަރުކޮށްފައިވާއިރު، ދެ ޖިންސުގެ ފަރާތްތަކަށް ވަކިން ނަމާދު ކުރެވޭނެ އަދި ވުޟޫކުރެވޭނެ އިންތިޒާމް ވެސް ޤާއިމް ކުރެވިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު މިސްކިތްތަކެއް ހުޅުވުމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަދި މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން ތަފާތު 90 މަޝްރޫޢެއް ކުރިއަށްދާކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ފާހަގަކުރައްވާފައެވެ.