ޚަބަރު
ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރަށް!
މި މައްސަލައިގައި ހައްޔަރުކުރި މީހުން/ފޮޓޯ: ފުލުހުން
ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 2 މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި / ސިލްވަރސްޓަރ، އަލީ ޙަސަން (44އ) އާއި ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، މުޙައްމަދު އިޙްސާން (21އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން، އަލީ ޙަސަން (44އ) ހައްޔަރުކޮށްފައި ވަނީ 2025 ޑިސެމްބަރު 24 ވަނަ ދުވަހުއެވެ. އަދި މީނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 މާރިޗު 1 ވަނަ ދުވަހަށެވެ. ހަމަ އެއާއެކު، މުޙައްމަދު އިޙްސާން (21އ) 2026 ފެބުރުއަރީ 3 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، މީނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 މާރިޗު 6 ވަނަ ދުވަހަށެވެ. ފުލުހުން ވިދާޅުވީ، މި މައްސަލާގައި ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ ޢަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު އެ ޚިދުމަތުން ޚާއްޞަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ޤާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ.