Ads by PNC

ޚަބަރު

"ނޭޝަނަލް ކާބަން ރެގިއުލޭޝަން" ޤަވާއިދު އެކުލަވައިލުމާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

"ނޭޝަނަލް ކާބަން ރެގިއުލޭޝަން" ޤަވާއިދު އެކުލަވައިލުމާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ފެބްރުއަރީ 2026، 11:21

14 ފެބްރުއަރީ 2026، 11:21

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް (ސީ.ސީ.ޑީ) އިން އިންތިޒާމުކޮށްގެން، "ނޭޝަނަލް ކާބަން ރެގިއުލޭޝަން" ޤަވާއިދު އެކުލަވައިލުމާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތު ބައްދަލުވުން ބާއްވައިފިއެވެ. މިއީ މިކަމާއި ގުޅިގެން ބޭއްވި 2 ވަނަ މަސައްކަތު ބައްދަލުވުމެވެ.

މި ބައްދަލުވުމަކީ މި ޤަވާއިދުގެ ފުރަތަމަ ދެލިކޮޕީ ހުށަހަޅައި، އެއާ މެދު މަޝްވަރާކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި، މި ދާއިރާގެ ފަރާތްތަކާއި އަދި ފަންނީ މާހިރުންނާއި އެކު ބޭއްވުނު މަސައްކަތު ބައްދަލުވުމެއްކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް މިމްރާހު އެވެ. ސްޓޭޓް މިނިސްޓަރ ގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ޤައުމަކުން ވެސް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، ގިނަ ޤައުމުތަކުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް މިހާރު އަޅަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، މިކަމާއި ގުޅޭ ޓެކްނިކަލް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވީ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް ޓެކްނިކަލް ކޯޑިނޭޓަރ ފާތިމަތު ރައުފާ މޫސާއެވެ. މި ޕްރެޒެންޓޭޝަންގައި ޤައުމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތަކާއި، ރިޕޯޓްކުރުމުގެ ޒިންމާތަކާއި، އަދި އުޞޫލެއް ނެތި ހިންގޭ ކާބަން ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ހަރުދަނާ އުޞޫލުތަކެއްގެ ދަށުން ކާބަން މާކެޓުގައި ބައިވެރިވުމުން ލިބޭނެ ޓެކްނޮލޮޖީ ބަދަލުކުރުމުގެ ފުރުޞަތުތަކާއި، ޤާބިލުކަން އިތުރުވުމާއި، އަދި މޫސުމީ ބަދަލުތަކާއި ގުޅިގެން މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ވެސް މަޢުލޫމާތު ދެވުނެވެ.

މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 43 ބައިވެރިން ބައިވެރިވިއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، އެޓަރނީ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ހިމެނެއެވެ.

މީގެ އިތުރުން، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އިންވެސްޓް މޯލްޑިވްސް، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، އަދި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާ ހިމެނެއެވެ. ހަމަ އެއާއެކު، ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓާއި، އޯޒޯން ޔުނިޓާއި، ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ލީގަލް ޔުނިޓުގެ އޮފިޝަލުންނާއި، ޖަމިއްޔާތަކާއި ކަމާއި ގުޅުންހުރި އެހެނިހެން ފަރާތްތަކުން ވެސް ބައިވެރިވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450